ގުޅީގައި ހަވާއެރުވުމާއެކު އީދުގައި ފޯރިގަދަ ހަރަކާތްތަކެއް

Advertisement

އެންމެ ފަސް

Advertisement

ކ. ގުޅީގައި އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ފޯރިގަދަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ގުޅީ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ފާއިޒް ”ޖަވިޔަނި“އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އީދަށް ތައްޔާރުވުމުގެ ގޮތުން އެ ރަށުގެ ހުރިހާ މުއައްސަސާތަކާއި ގެސްޓްހައުސްތައް ގުޅިގެން ރަށުތެރެ ސާފުކުރުމުގެ ހާއްސަ ހަރަކާތެއް މިމަހުގެ 31 ވަނަ ދުވަހު ކުރިއަށްގެންދާނެ ކަމަށެވެ. އަދި އީދަށް ރަށަށް އަންނަ މެހެމާނުންނަށް މަރުހަބާކިޔާ ފޯރިގަދަކޮށް އީދު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

”ގާތްގަނޑަކަށް ހުރިހާ ގެސްޓްހައުސްއެއް މިހާރު މިހިރީ އީދަށް ބުކްކޮށް ފުލްވެފަ. ގެސްޓްހައުސްގެ އިތުރުން ބައެއް ގޭގޭގައި އީދަށް ކުއްޔަށް އެބަ ކޮޓަރި ދޫކުރޭ. މަދުވެގެން 500 އެއްހާ މެހެމާނުން އީދަށް ރަށަށް އަންނާނެ ކަމަށް ބެލެވޭ.“ ގުޅީ ކައުންސިލްގެ ނައިބު ރައީސް ފާއިޒް ވިދާޅުވި އެވެ.

އެގޮތުން ފާއިޒު ވިދާޅުވީ، ޖޫން 5 ވަނަ ދުވަހުގެ ރޭގަނޑު ”ވެދުމާ ދިއުން“ އޮންނާނެ ކަމަށާއި އަދި އީދު ހުޅު ރޯކުރުންވެސް އެ ރޭ އޮންނާނެ ކަމަށެވެ.

ރަސްމީކޮށް އީދުގެ ހަރަކާތްތައް ފެށޭނީ އީދު ނަމާދަށްފަހުކަން ފާހަގަކުރައްވާ ގުޅީ ކައުންސިލްގެ ނައިބު ރައީސް ފާއިޒް ވިދާޅުވީ، އީދު ނަމާދަށްފަހު ރަށަށް އަންނަ މެހެމާނުންނާއި ރަށުގެ ރައްޔިތުންނަށް ހާއްސަ ސަޔެއް އޮންނާނެ ކަމަށެވެ. އަދި ހުކުރު ނަމާދުގެ ކުރިން ފެންޖެހުމާއި ކުލަޖެހުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ. އަދި އެދުވަހުގެ ހަވީރު ކުޑަކުދިންގެ ހަވީރެއްވެސް ކުރިއަށްދާނެ ކަމަށް މައުލޫމާތު ދެއްވި އެވެ.

އީދު ދުވަހުގެ ރޭ ގުޅީގަައި ހަވާއެރުވުމަށް ހަމަޖެހިފައިވާއިރު، ހަމަ އެރޭ މަލިކުގެ ”ނަޒުރާނާ“ ގްރޫޕުގެ ހާއްސަ ސްޓޭޖް ޝޯއެއްވެސް ގުޅީގައި އޮންނާނެ ކަމަށް ކައުންސިލްގެ ނައިބު ރައީސް ފާއިޒް ވިދާޅުވި އެވެ.

ޖެހިގެން އަންނަ ޖޫން 7 ވަނަ ދުވަހު، މަޖާކުޅިވަރުތައް ހިމެނޭ ރިލޭ ރޭސްގެ ކަންކަން ރަށުގައި ކުރިއަށްދާނެ ކަމަށާއި އަދި ފިރިހެނުންގެ ކުރުފަލިޖެހުމާއި ކޯޑީގެ އިތުރުން ސްޓޭޖް ޝޯގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށްވެސް މައުލޫމާތު ދެއްވި އެވެ. އަދި ޖޫން 8 ވަނަ ދުވަހު އަންހެނުންގެ ކުރުފަލި ޖެހުމާއި ކޯޑިނެރުން އަދި ”ހިޔަލަ“ ގްރޫޕުގެ ސްޓޭޖް ޝޯއެއް އޮންނާނެ ކަމަށްވެސް ފާއިޒް ވިދާޅުވި އެވެ.

އީދުގެ ހަރަކާތްތައް ކުރިއަށްގެންދާ އެންމެ ފަހު ދުވަހު، ޖޫން 9 ވަނަ ދުވަހު، އަންހެނުން އަދި ފިރިހެނުންގެ ކުރުފަލިޖެހުމުގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށާއި އަދި ކުޑަކުދިންގެ މާލި ޕެރޭޑުވެސް ކުރިއަށްދާނެ ކަމަށް ފާއިޒް ވިދާޅުވި އެވެ. އަދި އެރޭ ބޮޑުމަސް ބޭނުމާއި ސްޓޭޖް ޝޯވެސް ކުރިއަށްދާނެ ކަމަށް މައުލޫމާތުދެއްވި އެވެ. ސްޓޭޖް ޝޯގައި ފިރިހުނުންގެ ތާރަޖެހުމުގެ ހަރަކާތްތައްވެސް ކުރިއަށްދާނެކަން ފާއިޒް ފާހަގަކުރެއްވި އެވެ.

ކ. ގުޅީގައި އީދަށް ރޭވިފައިވާ ހަރަކާތްތައް–

އަޟްހާ އީދު ފޯރިގަދަކޮށް ފާހަގަކުރުމަށް ގިނަ ރަށްރަށެއްގައި އަންނަނީ ތައްޔާރުވަމުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހުގެ 5 ވަނަ ދުވަސްކަމަށެވެ. އަދި އަޟްޙާ އީދު ދުވަސް ވަނީ އަންނަ މަހުގެ 6 ވަނަ ދުވަހަށެވެ. އެ ދުވަހަކީ ހުކުރު ދުވަހަށް ވުމުން އަޟްޙާ އީދުގެ މުނާސަބަތުގައި ބަންދުކޮށްފައިވާ 3 ދުވަހުގެ ތެރެއިން 1 ދުވަސް ލައްވާލަނީ ހޮނިހިރު ދުވަހަކަށެވެ. އިތުރަށް ދެން ބަންދު ވަނީ ޖެހިގެން އަންނަ އާދިއްތަ އަދި ހޯމަ ދުވަހެވެ.

ކ. ގުޅި އަޟްހާ އީދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ