ތޮއްޑޫގައި މަގު ހަދާއިރު އެކި ކުލަ ކުލައިގެ ގާ ބޭނުންކުރުމަށް ތޮއްޑޫ ކައުންސިލުން އެދިފައިވާ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާރ އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މުއްތަލިބު މިހެން ވިދާޅުވެފައިވަނީ އެކްސްގައި މީހަކުކޮށްފައިވާ ޕޯސްޓަކަށް ރައްދުދެއްވަމުންނެވެ. އެ މީހާ ކޮށްފައިވާ ޕޯސްޓުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައެއް ރަށްރަށުން މަގު ހަދާއިރު އެކި ކުލަކުލައިގެ ގާ އަތުރަން އެދިފައިވާކަމަށް ވިދާޅުވެފައިވާތީ މީހަކު ރައީސް އޮފީހަށް އެ މައުލޫމާތު ހޯދުމަށް އާރްޓީއައި ފޮނުވުމުން އެ އާރްޓީއައި ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ރައީސް އޮފީހުން ޓްރާސްފާ ކުރުމުން އެ ފަދަ ކަމަކަށް އެއްވެސް ރަށަކުން އެދިފައި ނުވާކަމަށް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު މައުލޫމާތު ދީފައިވާކަމަށް ބުނެފަ އެވެ.
މިނިސްޓަރު ވިދާޅުވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ޖަވާބު ދީފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ. އަދި އެކަން އިސްލާޙުކޮށް އަލުން ޖަވާބު ދިނުމަށް ދަންނަވާފައިވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ޕޯސްޓުގައި މިނިސްޓަރ ވިދާޅުވެފައިވަނީ، ތޮއްޑޫ ކައުންސިލުން މި އަހަރުގެ ޖަނަވަރީ 8 ވަނަ ދުވަހު ސިޓީއަކުން މި ކަމަށް އެދިފައިވާ ކަމަށެވެ.
މީގެ އިތުރުން، ލޯކަލް ޓޫރިޒަމް ހިންގާ ރަށްތަކުން އެކި ބައްދަލުވުންތަކުގައި ތާރު އެޅުމުގެ ބަދަލުގައި ފަތުރުވެރިންނަށް ގަޔާވާނެ ގޮތަށް އެކި ކުލަ ކުލައާއި ޕެޓާންތަކުގެ ގާއަތުރައިގެން މަގު ހެދުމަށް މަޝްވަރާކޮށްފައިވާ ކަމަށްވެސް މިނިސްޓަރ މުއްތަލިބު ވިދާޅުވި އެވެ.
އއ. ތޮއްޑޫ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ