މުޖުތަމައު ބާރުވެރިކުރުމަށް ހިލޭސާބަހަށް މަސައްކަތްކުރާ މަދަނީ ޖަމްއިއްޔާތަކުގެ މަސައްކަތްތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ދޭ ”ސިވިލް ސޮސައިޓީ އެވޯޑް“ އަށް ކުރިމަތިލުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލައިފި އެވެ.
މި އިނާމަކީ އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުވުމަށް އަމިއްލަ އިސްނެގުމުގެ މަތިން މަސައްކަތްކުރާ ޖަމްއިއްޔާތަކުގެ މަސައްކަތްތައް ފާހަގަކޮށް، އެފަދަ ޖަމްއިއްޔާތަކަށް ދެވޭ ޚާއްސަ އިނާމެކެވެ. މި އިނާމު ދިނުމުގައި އެ ޖަމްއިއްޔާއެއް ނިސްބަތްވާ މުޖުތަމައުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ކޮށްފައިވާ މަސައްކަތްތަކަށް ބެލޭނެ އެވެ.
މި އިނާމުގެ ސަބަބުން މަދަނީ ޖަމްއިއްޔާތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކުރެވި، އެފަދަ މަސައްކަތްތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފަ އެވެ. އިނާމު ލިބޭ ފަރާތްތަކަށް ޚާއްސަ އެވޯޑަކާއި ސެޓްފިކެޓެއް ދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
އެވޯޑަށް ކުރިމަތިލުމަށް ޝައުގުވެރިވާ ޖަމްއިއްޔާތަކުން 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅިދާނެ އެވެ. އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް ސަރުކާރުން ވަނީ މަޢުލޫމާތު ދީފަ އެވެ.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް