މިމަހުގެ 20 ވަނަ ދުވަހު ހުޅުވުނު މ. މުލީ އެއާޕޯޓަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް އިއްޔެ ފަށައިފި އެވެ.
މުލީ އެއާޕޯޓަށް ދަތުރުކުރި ފުރަތަމަ ކޮމާޝަލް ފްލައިޓް މާލެއިން ފުރީ 15:30 ގައި ކަމަށާއި، މުލިން މާލެއަށް އެނބުރި ދަތުރުކުރީ 16:45 ގައި ކަމަށް މޯލްޑިވިއަންއިން މައުލޫމާތު ދީފައިވެ އެވެ.
މޯލްޑިވިއަންއިން އިއުލާންކޮށްފައިވާ ޝެޑިއުލްގެ މަތިން، މާލެއިން މުއްޔަށް ކޮންމެ ހޮނިހިރު ދުވަހެއްގެ 15:30 ގައި ފްލައިޓެއް ފުރާނެ އެވެ. އަދި މުލިން މާލެއަށް އެނބުރި ދަތުރުކުރާނީ ކޮންމެ ހޮނިހިރު ދުވަހެއްގެ 16:45 ގައެވެ. މި ދަތުރުތަކުގެ ފެށޭ އަގަކީ 999 ރުފިޔާ ކަމަށް އެއާލައިނުން ހާމަކޮށްފައިވެ އެވެ.
މި ރޫޓުގައި ދަތުރުކުރާ ފަސިންޖަރުންނަށް މޯލްޑިވިއަންގެ ޕްރީމިއަމް އިކޮނޮމީގެ ހިދުމަތް ލިބޭނެ ކަމަށް އެއާލައިނުން ބުނެފައިވެ އެވެ. މުލީ އެއާޕޯޓަށް ދަތުރުތައް ފެށުމާއެކު މޯލްޑިވިއަންއިން ދަތުރުކުރާ ޑޮމެސްޓިކް އެއާޕޯޓްތަކުގެ އަދަދު ވަނީ 17 އަށް އިތުރުވެފަ އެވެ.
ޑޮމެސްޓިކް އުދުހުންތަކަށް ހާއްސަކޮށް ތަރައްގީކޮށްފައިވާ މުލީ އެއާޕޯޓުގައި 1،200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހިމެނެ އެވެ. މީގެ އިތުރުން އެއާޕޯޓުގައި ޓެކްސީވޭއަކާއި، ފްލައިޓްތައް ޕާކުކުރާނެ އޭޕްރަންއެއްވެސް ވަނީ ތަރައްގީކޮށްފަ އެވެ.
އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) މ. މުލި މޯލްޑިވިއަން