މޯލްޑިވިއަންގެ ދަތުރުތައް ދެކުނު ކޮރެއާއަށް ފެށުމުގެ މަސައްކަތް ފަށައިފި އެވެ.
މި ދަތުރުތައް ފެށުމަށް ތައްޔާރުވުމުގެ ގޮތުން މޯޑިވިއަންއިން ވަނީ ދެކުނު ކޮރެއާގައި ސޭލްސް އެޖެންޓެއް ހޯދުމަށް އިޢުލާން ކޮށްފަ އެވެ.
މޯލްޑިވިއަންގެ ފަރާތުން ނެރުނު އިޢުލާނުގައި ދެކުނު ކޮރެއާގައި ޖެނެރަލް ޕެސެންޖަރ ސޭލްސް އެޖެންޓެއްގެ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް އެދިފައިވެ އެވެ. މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދެކުނު ކޮރެއާގައި މޯލްޑިވިއަންގެ ޚިދުމަތްތައް އިޝްތިހާރުކޮށް، ދަތުރުފަތުރުގެ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ކަސްޓަމަރުންނާއެކު ރަނގަޅު ގުޅުމެއް ޤާއިމުކުރުން ހިމެނެ އެވެ.
މޯލްޑިވިއަންގެ އަމާޒަކީ ދުނިޔޭގެ ވީހާވެސް ގިނަ މަންޒިލްތަކަކަށް ޚިދުމަތް ފުޅާކުރުންކަމަށް މޯލްޑިވިއަންއިން ބުނެ އެވެ. އަދި ދެކުނު ކޮރެއާއަށް ދަތުރުތައް ފެށުމަށް ނިންމާފައިވަނީ އެ ކުންފުނިން ގެންގުޅޭ ބައިނަލްއަޤްވާމީ އޮޕަރޭޝަންސްތައް ފުޅާކުރުމުގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުންކަމަށް ބުނެފައިވެ އެވެ.
މޯލްޑިވިއަންގެ ދަތުރުތައް ދެކުނު ކޮރެއާއަށް ފެށުމަށް ރޭވިފައިވަނީ އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. މިކަމަށްޓަކައި މި އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ އާ ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނެސްފަ އެވެ. އަދި އިތުރު ވައިޑް ބޮޑީ މަތިންދާބޯޓުތައް ގެނައުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެ އެވެ.