މ. އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި އެވެ.
މި ޚިދުމަތް އިފްތިތާޙު ކުރެއްވީ ހޯމް މިނިސްޓަރު ޢަލީ އިހުސާން އެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މ. މުލީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެކެވެ.
މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރަމުން އަންނައިރު، މިހާތަނަށް 16 އަތޮޅެއްގައި މި ޚިދުމަތް ދޭން ފަށާފައިވެ އެވެ. މީގެ އިތުރުން މާލެ ސަރަޙައްދުގައި، ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައާއި ވިލިމާލޭގައިވެސް މި ޚިދުމަތް ދެމުން ގެންދެ އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އެ އިދާރާގެ އަމާޒެކެވެ. މި މަސައްކަތުގެ ތެރެއިން ޕާސްޕޯޓާއި އައިޑީކާޑު ހެއްދުމުގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމުން އަންނަ ކަމަށް އެ އިދާރާއިން ފާހަގަކުރެ އެވެ.
މުލީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ އެރަށުގެ ކުރިއެރުމާ ތަރައްޤީއާ ގުޅުންހުރި، މިހާރު ކުރިއަށްދާ އަދި ކުރިއަށް ހުރި މަޝްރޫޢުތަކާ ބެހޭ މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ. އެގޮތުން މުލީ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖެއްސޭގޮތް ހެދުމަށް ކުރަމުންދާ މަސައްކަތް ނިމި މިއަހަރުގެ އޮކްޓޯބަރު މަހު، މުލީ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖައްސަންފެށޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން ރަށުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް އިތުރު ޖެންސެޓެއް ގެނެސް މިއަހަރުގެ ނިޔަލަށް އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިމިގްރޭޝަން މ. މުލި