މިއަދު މާލޭގައި 59 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.
ފެމިލީ ކޯޓުން ބުނި ގޮތުގައި މިއަދަކީ މި އަހަރުގެ މިހާތަނަށް މާލޭ ފެމިލީ ކޯޓުގައި އެއްދުވަހާ އެންމެ ގިނަ ކައިވެނި އަގުދު ކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަހެވެ. އެގޮތުން މިއަދު އެ ކޯޓުގައި 59 ކައިވެނި ކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއަދު ގިނަ އަދަދެއްގެ ކައިވެނިތަކެއް ކުރުމަށް ހަމަޖެހިފައިވާތީ، ކޯޓަށް ޙާޟިރުވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް ކޯޓުން ބުނެ އެވެ.

މި އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖެނުއަރީ މަހު 108 ކައިވެންޏާއި 108 ވަރި، މާރިޗު މަހު 83 ކައިވެންޏާއި 56 ވަރި، އަދި އޭޕްރީލް މަހު 181 ކައިވެންޏާއި 113 ވަރި ކޯޓުން ވަނީ ކޮށްދީފައެވެ.
މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެއްދުވަހެއްގައި އެންމެ ގިނަ ކައިވެނި ކޮށްދީފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު 24 ވަނަ ދުވަހު އެވެ. އެދުވަހު 52 ކައިވެނި ކޮށްދީފައިވެ އެވެ. އަދި މިދިޔަ އަހަރު މުޅި ޖުމުލަ 2,485 ކައިވެންޏާއި 1,326 ވަރި ކޯޓުން ވަނީ ކޮށްދީފަ އެވެ.
މިއަދު ކޯޓަށް ޙާޟިރުވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކޯޓުގެ ބޭރުގައި ޓެންޓު ޖަހައި، އިށީނދެ ތިބެވޭނެ ގޮތަށް ގޮނޑި ބަހައްޓާފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެއެވެ.
