ތެލަސީމިއާ އެންޑް އަދަރ ހިމަގްލޯބިނޯޕަތީސް ސެންޓަރަށް ކޮންސަލްޓަންޓް ސްޕެޝަލިސްޓެއް ހޯދުމަށް އިއުލާންކޮށްފި އެވެ.
މޯލްޑިވިއަން ބްލަޑް ސާވިސަސްއިން ކުރި މި އިއުލާނުގައި ބުނެފައިވަނީ މި މަގާމަށް ހޮވޭ ފަރާތަކުން މަސައްކަތް ކުރަން ޖެހޭނީ ތެލަސީމިއާ ސެންޓަރުގެ ކްލިނިކަލް މެނޭޖްމަންޓް ޕްރިވެންޝަން އެންޑް ކޮންޓްރޯލް ސެކްޝަންގެ މެޑިސިން ޔުނި ކަމަށެވެ. މި މަގާމަށް ނެގުމަށް އިއުލާންކޮށްފައިވަނީ އިންޓަރނަލް މެޑިސިން ސްޕެޝަލިސްޓެކެވެ.
މި މަގާމަށް ނަގާނީ އެންމެ ފަރާތެކެވެ. ތެލެސީމިއާ ސެންޓަރުގެ ކޮންސަލްޓަންޓްގެ މަގާމަށް ކުރި އިއުލާނުގައި ވާގޮތުން އެ މަގާމުގެ މުސާރައަކީ މަހަކު 32,632 ރުފިޔާ އެވެ. މަގާމުގެ އެލަވެންސްގެ ގޮތުގައި މަހަކު 18,689 ރުފިޔާ ލިބޭއިރު ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ހާޒިރީ އެލަވެންސްގެ ގޮތުގައި 506 ރުފިޔާ ލިބެ އެވެ. މުސާރައާއި އިނާޔަތްތައް އެއްކޮށްލުމުން މަހަކު ގާތްގަނޑަކަށް 64،000 ރުފިޔާ ލިބެ އެވެ.
މަގާމުގެ ޝަރުތުތައް:
- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުން. އަދި،
- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ މެޑިކަލް އިންސްޓިޓިއުޓެއްގައި އިންޓަރންޝިޕް ފުރިހަމަކޮށްފައިވުން. އަދި،
- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އަށްވުރެ ދަށްނޫން، ސްޕެޝަލިޓީ މާސްޓަރސް ޑިގްރީޢެއް ހާސިލުކޮށްފައިވުން. އަދި،
- މަގާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 29 ވަނަ ދުވަހުގެ 13:30 އެވެ. މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކާއި މަގާމަށް ކުރިމަތިލާއިރު ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލް މޯލްޑިވިއަން ބްލަޑް ސާވިސަސްގެ އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ. ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނީ މޯލްޑިވިއަން ބްލަޑް ސާވިސަސްގެ މެއިލް jobs@mbs.gov.mv އަށެވެ.