ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ތަސްދީގު ނުކުރައްވާ އަނބުރާ ފޮނުއްވައިފި އެވެ.
މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ރައީސް މުއިއްޒު ނިންމެވީ، ބިލަށް އިތުރު އިސްލާހުތަކެއް ގެނައުމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް އާއި ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކުން ބައެއް ހުށަހެޅުންތައް ލިބިވަޑައިގެންފައިވާތީ ކަމަށް ރައީސް އޮފީހުން މައުލޫމާތުދީފައިވެ އެވެ.
ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ވަށާޖެހިފައިވާ ޤައުމީ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭ ޚިދުމަތަކަށް ހެދުމަށްޓަކައި ޤާނޫނުގައި ބަޔާންކުރާ މަގުސަދުތައް ވީހާވެސް ފުރިހަމަކަމާއެކީ ހާސިލުކުރެވޭނެ ގޮތަށް އެ ބިލު މުރާޖާކުރައްވައި އިސްލާހު ގެންނަވަން ރައީސް މުއިއްޒުއަށް ފެނިވަޑައިގަންނަވާތީ މި ބިލު އިސްލާހުކުރުމަށް މަޖިލީހަށް ފޮނުވުމަށް ނިންމެވީކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 6 އޮގަސްޓް 2025 ގަ އެވެ.
ޤާނޫނަށް މަޖިލީހުން ގެނެސްފައިވާ އިސްލާހުތަކުގެތެރޭގައި ކައިވެނި ކުރުމަށް ހުށަހަޅާ ދެ ފަރާތުގެ ތެލަސީމިއާ ޓެސްޓުގެ ނަތީޖާއަށް ބަލާ އެ ދެ ފަރާތަކީ ތެލަސީމިއާ ކުދިން ލިބިދާނެކަމަށް ބެލެވޭ މީހުން ކަމުގައި ވާނަމަ އެފަދަ ކައިވެންޏެއް ކޮށްދެވޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަވާ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފަހު ކަމަށް ބަޔާންކޮށްފައިވެ އެވެ.
އިސްލާހުތަކުގެ ތެރޭގައި ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުތައް ގާނޫނުގައި ބަޔާން ކުރުން ހިމެނެ އެވެ. އަދި ރާއްޖޭގައި ކައިވެނި ކުރަން އެދޭ ދެ ފަރާތުން ކައިވެނި ކުރުމުގެ ހުއްދައަށް އެދި ކައިވެނީގެ ރަޖިސްޓްރާއަށް ހުށަހަޅަން ވާނީ ތެލަސީމިއާއަށް ޓެސްޓު ކުރުމަށް ފަހު އެ ޓެސްޓުގެ ނަތީޖާއާ އެކު ކަމަށް ވެސް ބުނެފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް ތެލެސީމިއާ