ޝަމީމަށް ހަމަލާދިނުން: ދައުވާ ސާބިތު ނުވި މައްސަލަ އިސްތިއުނާފު ކުރަން ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާ ކޮށްފައިވަނީ ރ. އަލިފުށި، ރިވެލި، މިދުހަތު އާދަމް، ލ. ގަން، ތުނޑި، ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާން، ދަފްތަރު ނަންބަރު ދރ 2247، އަހުމަދު މައިސާން ހާޝިމް، ލ. މާމެންދޫ، މުރިނގު، ރަޖުވާން ލަތީފް، ތ. ގާދިއްފުށި، މުސްތަރީގެ، ޝަމާލް ހުސައިން، ތ. ދިޔަމިގިލި، ރުވާ، އަބާން އަބްދުލްހަންނާނު އަދި އދ. މާމިގިލި، ކެމީހިޔާ، ޒަޔާން ނަސީރުގެ މައްޗަށެވެ. މި މީހުންގެ މައްޗަށް ކޮށްފައިވަނީ ޤަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އެވެ.

މި މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު އެވެ.

”ޖަވިޔަނި“އަށް މިއަދު މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލަ އިސްތިއުނާފު ކުރުމަށް މިދިޔަ ބްރާސްފަތި ދުވަހު އެ އޮފީހުން ނިންމާފައިވާ ކަމަށެވެ. މި މައްސަލަ އިސްތިއުނާފު ކުރުމުގެ ސުންގަޑި ހަމަވަނީ އަންނަ ހޯމަ ދުވަހަށްކަން ފާހަގަ ކުރައްވާ ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވީ އެ މުއްދަތު ހަމަވުމުގެ ކުރިން މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށެވެ.

ޝަމީމަށް ހަމަލާދީފައިވަނީ 31 ޖަނަވަރީ 2024 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ނޫރު މިސްކިތް ކައިރީ މަގުމަތީގައި ހުއްޓައެވެ. މަރުތޭލައެއް ބޭނުންކޮށްގެން ޝަމީމްގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތް ކުރިނަމަވެސް ހަމަލާ އަމާޒުވީ ޝަމީމްގެ މުލައްދަނޑިއަށެވެ.

ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާ ކޮށްފައިވާ މީހުން

ޝަމީމަށް ހަމަލާދިން މައްސަލައިގައި ޕީޖީ އޮފީހުން މީގެކުރިން ބުނެފައިވަނީ، މި މައްސަލައިގައި ހިމެނޭ މިދުހަތު އާދަމްގެ މައްޗަށް ދައުވާ ކޮށްފައިވަނީ އިތުރު ބަޔަކާއެކު ޝަމީމަށް ހަމަލާދިނުމަށް ރާވައި އަދި މީނާ ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށް، ޝަމީމުއާ މެދު މާރާމާރީ ހިންގައި އަތުގެ މުލައްދަނޑި ޒަހަމްކޮށްލާފައިވާތީއެވެ. މުހައްމަދު ޖަޒްލާންގެ މައްޗަށް ދައުވާ ކޮށްފައިވަނީ މިކަން ރާވައި އަދި ހަމަލާދިން މިދުހަތު އާދަމް ގޮވައިގެން އެ ސައިކަލުގައި އެތަނަށް ގޮސް، ހަމަލާދިނުމުން މިދުހަތު ގޮވައިގެން އެތަނުން ގޮސްފައިވާތީއެވެ. އަހުމަދު މައިސާން ހާޝިމްގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޝަމީމަށް ހަމަލާދިނުމަށް ރާވައި، މިކަމުގައި ބޭނުންކުރި ސައިކަލު ހޯދައިދީ އެކަމަށް މަގުފަހިކޮށްދީފައިވާތީއެވެ.

މިމައްސަލައިގައި ދެން ހިމެނޭ ރަޖުވާން ލަތީފް، ޝަމާލް ހުސައިން، އަބާން އަބްދުލްހަންނާނު އަދި ޒަޔާން ނަސީރުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޝަމީމަށް ހަމަލާދިނުމަށް ރާވައި، ހަމާދިން އިރު ކާރެއްގައި އެތަނުގައި މަޑުކޮށްގެން އިނދެފައިވާތީއާއި، ހަމަލާދީ ނިމުމުން، ހަމަލާދިން މީހުންނާއެކު އެސަރަހައްދުން ގޮސްފައިވާތީއެވެ.

ހައި ކޯޓު ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކްރިމިނަލް ކޯޓު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ