ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރުކަމުން ރިޓަޔަކުރައްވަން ނިންމަވައި، އެކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފި އެވެ.
ނިޔާޒު، ފަނޑިޔާރުކަމުން ރިޓަޔަކުރައްވަން ހުށަހަޅުއްވީ މިދިޔަ އާދިއްތަ ދުވަހު އެވެ. އޭނާގެ އެ ހުށަހެޅުމަށް ބަލައި، ފަނޑިޔާރުގެ ރިޓަޔަމަންޓް ގަބޫލުކުރަން ޖޭއެސްސީން މިދިޔަ ހޯމަ ދުވަހު ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އެހެންނަމަވެސް ފަނޑިޔާރު ނިޔާޒު ރިޓަޔާކުރައްވަން ހުށަހެޅުއްވި ސީދާ ސަބަބެއް ސާފެއް ނުވެ އެވެ.
ޖޭއެސްސީން ފަނޑިޔާރު ނިޔާޒުގެ ރިޓަޔަމެންޓް ގަބޫލުކުރަން ނިންމާފައިވާއިރު، އެ ފަނޑިޔާރާ ގުޅޭ ސުލޫކީ ފަސް މައްސަލައެއް އެ ކޮމިޝަނުން ބަލަމުން އެބަދެ އެވެ. އެ މައްސަލަތަކަކީ ގިނަ ދުވަސްވީ، އަދި މީގެކުރިން ކޮމިޝަނުން ސުލޫކީ މައްސަލައެއް ނެތް ކަމަށް ވެސް ކަނޑައަޅާފައިވާ މައްސަލަތަކެވެ.
ފަނޑިޔާރު ނިޔާޒު، ފަނޑިޔާރު ކަމުން ރިޓަޔާކުރައްވަން ނިންމާފައިމިވަނީ 23 އަހަރު ޝަރުއީ ދާއިރާއަށް ހިދުމަތް ކުރެއްވުމަށް ފަހު އެވެ. ނިޔާޒު އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރީ 30 ސެޕްޓެމްބަރު 2002 ގައި ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމަށެވެ. އޭގެފަހުން ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަން ކުރައްވާފައިވެ އެވެ.
މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރެއްވި ފަނޑިޔާރު ނިޔާޒު ހައި ކޯޓަށް އައްޔަން ކުރެއްވީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
