ދެ ގްރޫޕެއްގެ މެދުގައި މާރާމާރީ ހިންގަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށް ބަންދުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށް ބަންދުކޮށްފައިވަނީ 19 އަހަރު އަދި 34 އަހަރުގެ ދިވެހި ފިރިހެނުންނެވެ. މި ދެ މީހުންގެ މައްޗަށްވެސް ކޮށްފައިވަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ތުހުމަތެވެ.
މި ދެ މީހުންގެ ބައްދަށް ކްރިމިނަލް ކޯޓުން އިއްޔެ 7 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ. މި ދެމީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ނިންމީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މުޖުތަމައަށް ގެއްލުން ލިބުމުގެ ފުރުސަތު އޮތްކަމަށް ބަލައެވެ.
ދެ މީހުންގެ ބަންދު އަމުރުގައި ބުނެފައިވަނީ، ދެ ގްރޫޕެއްގެ ދެމެދުގައި ހަމަނުޖެހުން އުފެދި މާރާމާރީ ހިންގަން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިގެން އެކަމުގެ ތުހުމަތުގައި ދެ މީހުން ހުއްޓުވައި ބަލައިފާސްކުރެވުނު ކަމަށެވެ.
އެގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު މީގެތެރެއިން އެކަކުގެ އަތުން ކަޓަރު ތިލައެއް ފެނިފައިވާ ކަމަށާއި އަދި އަނެކަކު ދުއްވި ސައިކަލުގެ މަޑިދަށުން ކަޓަރެއް ފެނިފައިވާ ކަމަށެވެ.
މި މައްސަލައިގައި މި ދެމީހުންނާއި މި ގްރޫޕާއި އިންޓަރެކްޓް ވެފައިވާ މިންވަރާއި، މިކަމާއި މިފަރާތްތަކާ އިތުރަށް ގުޅޭކަންކަން ދެން އޮންނަ ބަންދު މަޖިލީހެއްގައި ހުށަހެޅުމަށް ގާޒީ މައްސަލަ ބަލާ އައިއޯއަށް ދަންނަވާފައިވެ އެވެ.
