އައްޑޫސިޓީ ހުޅުދޫ އަވަށުގައި ގަވާއިދާ ހިލާފަށް މަގުމަތީގައި ބަހައްޓާފައިވާ މުދާ ނެގުމަށް މުއްދަތެއް ދީފި އެވެ.
އައްޑޫސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ހުޅުދޫ އަވަށުގައި ގަވާއިދާ ހިލާފަށް ވެހިކަލްތައް ޕާކު ކުރުމާއި ގަރާޖުތަކާއި އާންމު އެކިއެކި ތަންތަނުގައި ގަވާއިދާ ހިލާފަށް ވެހިކަލް އަދި މުދާ ބަހައްޓާ މައްސަލަތައް އިތުރުވަމުންދާކަން އެއޮފީހަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ގަލާއި ވެލި، ކުނި ފަދަ ތަކެތި މަގުތަކުގައި ހުއްދަ ނެތި ބަހައްޓަމުންދާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތަށް މަގުމައްޗަށް ވެހިކަލާއި ތަކެތި ދޫކޮށްފައި ބެހެއްޓުމަކީ މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިތަކާއި ދިމާވުމުގެ އިތުރުން ނުރައްކާތެރި އެކްސިޑެންޓް ތަކަށް މަގުފަހިވާ ކަމެއް ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.
އެހެންކަމުން ގިނަ ދުވަސްވަންދެން މަގު މަތީގައި ބަހައްޓާފައިވާ ބައު އުޅަނދުތަކާއި، މަގު މައްޗަށް ދަތިވާގޮތަށް ބަހައްޓާފައިވާ ތަކެތި މިއަދުން ފެށިގެން 07 ދަވަހުގެ ތެރޭގައި ނެގުމަށް ކައުންސިލުން ވަނީ އަންގާފަ އެވެ.
މީގެ އިތުރުން، މި ތަކެތި ބަދަލުކުރުމުގައި ލިބިދާނެ ގެއްލުމުގެ ޒިންމާ ނުނަގާނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.