އަނަސް މަރުގެ މައްސަލަ: ތުހުމަތުކުރެވޭ މީހުން ބަންދުނުކުރަން ހައިކޯޓުން އަނެއްކާވެސް ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

2017 ވަނަ އަހަރު މާލޭގައި އަނިޔާވެރި ގޮތަކަށް މަރާލި ރ. މީދޫ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން އިސްތިއުނާފު ޝަރީއަތް ނިމެންދެން ބަންދު ނުކުރަން ހައިކޯޓުން އަނެއްކާވެސް ނިންމައިފި އެވެ.

އަނަސް މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2024 ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުން ވަނީ މިމައްސަލައިގައި ދައުވާ އުފުލި އެންމެންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފަ އެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ 2024 މޭ 16 ވަނަ ދުވަހު އެވެ.

އަނަސް މަރާލި މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވަނީ، މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާޤު، ޅ. ކުރެންދޫ އަސުރުމާގެ އަހުމަދު ޒަޔާން އަދި މ. ދިމިޝްގު، އުޘްމާން ޝަރީފްގެ މައްޗަށެވެ. މި މައްސަލައިގައި، ގަސްދުގައި މީހަކު މަރާލުމުގައި ބައިވެވުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ލ. ގަން، ތުނޑި، ނަންނާރިގެ ޖުނައިދު އަބްދުﷲ، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ޝާޒްގެ މައްޗަށެވެ.

މި މީހުން އިސްތިއުނާފު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ދައުލަތުން ހައިކޯޓުގައި އެދުމުން މާޗް 10 ވަނަ ދުވަހު ހައިކޯޓުން ވަނީ އެ މީހުން ބަންދުނުކުރުމަށް ނިންމާފަ އެވެ. ދައުލަތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން އޭޕްރިލް 28 ވަނަ ދުވަހު ހުކުމް ކޮށްފައިވަނީ، ހައިކޯޓުން އެމީހުން ބަންދު ނުކުރުމަށް ނިންމާފައިވަނި ޤާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން ހައިކޯޓުގެ ނިންމުން ބާތިލުކޮށް އެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމާމެދު އަލުންގޮތެއް ނިންމުމަށް މައްސަލަ ހައިކޯޓަށް ތަހުވީލު ކޮށްފައިވެ އެވެ.

އެގޮތުން މި މައްސަލަ އަލުން ހައިކޯޓުން ބެލުމަށްފަހު އިއްޔެ ވަނީ މައްސަލައިގައި ހުކުމް ކޮށްފަ އެވެ. އެގޮތުން ހައިކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ، ތުހުމަތުކުރެވުނު ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަމުގެ މައްޗަށް ބުރަވެވޭފަދަ ތަފުސީލެއް އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައި ނެތުމުން އެފަދަ ހާލަތެއް އޮތްކަމަށް ކަނޑައެޅެން ނެތްކަމަށެވެ. އަދި ބަންދުން ދޫކޮށްލައިފިނަމަ މެދުވެރިވެދާނެ ހާލަތެއް ވަޒަންކުރެވެން ނެތްކަމަށާއި އެހެންކަމުން އިސްތިއުނާފު ރައްދުވާ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރެއް މިހިނދަށް ނެރެދެވެން ނެތް ކަމަށެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ، ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ، ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.

ހައި ކޯޓު އަނަސް މަރާލި މައްސަލަ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ