ފެނަކައިގެ ކޮރަޕްޝަނަކީ އެމްޑީޕީ ސަރުކާރުގައި ހިންގި ކޮރަޕްޝަންގެ ކުޑަ މިންވަރެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި ނިމިދިޔަ ސަރުކާރުގައި ހިންގި ކޮރަޕްޝަންގެ އަމަލުތަކުގެ ތެރެއިން މުޅި ނިޒާމް އެއްކޮށް މަސްހުނިވެގެން ދިޔަ އެވެ. އަދި އެ ސަރުކާރުގެ ތެރޭގައި ހިންގަމުން ދިޔަ ވައްކަންތަކަކީ ވެރިންނަށްވެސް އެނގިތިބެ ކުރި ކަންކަން ކަމަށް ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ސައީދު ހާމަކުރެއްވި ގޮތުގައި އޭސީސީގެ ރައީސް ވަނީ ފެނަކައިގައި ހިނގަމުންދިޔަ ވައްކަމުގެ މައްސަލަތަކުގެ މައުލޫމާތު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އަދި މި މައުލޫމާތު ވަރަށް ސާފުކޮށް ކަޅާއި ހުދުން ރައީސަށް އަންގާފައިވާ ކަމަށާއި، ފެނަކައިގެ ޑީއެމްޑީއަށްވެސް ސިޓީއަކުން މިކަން އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.
”އަދުގެ ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، ފެނަކަ ހިމެނޭހެން އެތައް ކުންފުންޏެއް ވަނީ ދަރުވާލާފައި. ކޮވިޑުގެ ނަމުގައި 8 ބިލިޔަން ރުފިޔާ ޗާޕް ކުރިއިރު، އެއިންވެސް ބޭނުންކުރީ މަދު އަދަދެއް. ނުއަގުގައި އެތައް ކަމެށް ފަށައި އިންތިޚާބުތައް ކާމިޔާބު ކުރުމަށް ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށް ކޮރަޕްޝަންގެ ބޮޑެތި ޢަމަލުތަކެއް ހިންގި,“ މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މުޅި ނިޒާމުގެ ތެރެއިން ހިންގާފައިވާ މިފަދަ އެތައް އަމަލެއް ފެންނަން ހުރިއިރު، އެއިން ކޮންމެ ކަމަކީވެސް ބަލަންޖެހޭ ކަމެކެވެ. އަދި ތަހުގީގުތަކަށްފަހު ކޮރަޕްޝަންގެ އަމަލުތަކުގެ ގޮތުގައި ހިންގާފައިވާ ކަންކަމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށާއި މިހާރުގެ ސަރުކާރުން ކޮރަޕްޝަނަށް ފުރުސަތު ނުދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ފެނަކައިން 8.8 ބިލިއަން ރުފިޔާގެ ޚަރަދު ކޮށްފައިވަނީ އުސޫލުތަކާ ޚިލާފަށް: އޮޑިޓް ރިޕޯޓުން ހާމަވޭ
ފެނަކަ ކޯޕަރޭޝަނުން 2021 އިން 2023 އަށް މުދަލާއި ޚިދުމަތް ހޯދުމަށް 8.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މި ޚަރަދުތަކުގެ ބޮޑު ބައެއް ކޮށްފައިވަނީ އެވަގުތަށް މުހިންމު ނޫން ކަންކަމަށާއި، ބީލަމުގެ އުސޫލުތަކާ ޚިލާފަށްކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުންފުންޏަށް ބޭނުންވާ ތަކެއްޗާއި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ މަސައްކަތްތަކަށް 674 އެއްބަސްވުމެއްގެ ދަށުން 2.22 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައިވެއެވެ. މީގެ ތެރެއިން 65 ޕަސެންޓް ކަމުގައިވާ 439 އެއްބަސްވުމުގެ ދަށުން 1.37 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިޢުލާނު ނުކޮށް، ވާދަވެރި ބީލަމުގެ އުސޫލުތަކާ ޚިލާފަށެވެ.
އިތުރަށް ރިޕޯޓުން ހާމަވާ ގޮތުގައި، ރަށްރަށުގެ އިންޖީނުގެތަކާއި އޮފީސް އިމާރާތްތައް އެޅުމަށް 2023 ގެ ނިޔަލަށް 57 މަޝްރޫޢެއްގެ މަސައްކަތަށް 1 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ނަމަވެސް، މި މަޝްރޫޢުތަކުގެ ތެރެއިން 41 މަޝްރޫޢު އަދިވެސް ނުނިމި ހުރިއިރު، މި މަސައްކަތްތައް ނިންމުމަށް އިތުރު 241 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.
އެންމެ ކަންބޮޑުވާންޖެހޭ އެއް ކަމަކީ، އިންޖީނުގެތައް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މާކެޓް އަގަށްވުރެ އާދަޔާ ޚިލާފަށް މަތީ އަގެއްގައި ކަމަށްވުމެވެ. މިގޮތުން، މާކެޓް އަގަށްވުރެ އިތުރަށް ގާތްގަނޑަކަށް 767 މިލިއަން ރުފިޔާ އިތުރަށް ޚަރަދުވާނެ ގޮތަށް މި މަސައްކަތްތައް ހަވާލުކޮށްފައިވާކަން ފާހަގަކުރެވެއެވެ.