އެލައިޑް އިންޝުއަރެންސަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހާއްސަ އިވެންޓެއް ބާއްވައި އެ ކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލް، އެލައިޑް ތަކާފުލްއަށް ރީބްރޭންޑްކޮށްފި އެވެ.
”އެލައިޑް 40 – މައިލްސްޓޯންސް އެންޑް މުމެންޓަމް“ގެ ނަމުގައި ޖެން ހޮޓެލްގައި އިއްޔެ ކުރިއަށް ގެންދިޔަ ހާއްސަ އިވެންޓުގައި އެ ކުންފުނީގެ ގިނަ އަދަދެއްގެ ކަސްޓަމަރުން ބައިވެރިވި އެވެ. އެ އިވެންޓު ހާއްސަކުރީ އެލައިޑުގެ ދިގު ކާމިޔާބު މާޒީގެ ފަހަތުގައިވާ އަގުހުރި، ހިދުމަތްތެރި ކަސްޓަމަރުންގެ އަގުވަޒަންކޮށް އެފަރާތްތަކާއި އެކު ވަގުތު ހޭދަކޮށް ހިޔާލު ބަދަލުކުރުމަށެވެ.
އެލައިޑް އިންޝުއަރަންސުގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯ މުއްސަނދި ކުރުމަށް މި އަހަރު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ބައެއް އުފެއްދުންތަކުގެ ހައިލައިޓްސް އެ އިވެންޓުގެ ތެރެއިން ކަސްޓަމަރުންނާ ހިއްސާކުރި އެވެ. އޭގެ ތެރޭގައި ކްރިޓިކަލް އިލްނެސް ކަވާ، ސައިބާ އިންޝުއަރަންސް ކަވާ އަދި އެމްޕްލޯޔާސް ލައިބިލިޓީ ކަވާ ހިމެނެ އެވެ.
އެލައިޑުން ބުނީ އެ ކުންފުނީގެ އުފެއްދުންތައް ބައްޓަން ކުރުމުގައި ބަވަނަވަމުންދާ ދުނިޔޭގެ ބަދަލުތަކަށް ފެތޭގޮތަށް ޕްލޭންތައް ފަރުމާކުރުމަށް ކުންފުނިން ނުހަނު އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން މި ޕްލޭންތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަމެއް ފޯރުކޮށްދިނުމަކީ އުއްމީދެއްކަމުގައި އެލައިޑުން ބުނެފައިވެ އެވެ.
އިއްޔެގެ އިވެންޓްގައި އެލައިޑުން ވަނީ އެކުންފުނީގެ އިސްލާމިކް ވިންޑޯ ”އަޔާދީ ތަކާފުލް“ ރީބްރޭންޑްކޮށް ”އެލައިޑް ތަކާފުލް“ އަށް ބަދަލުކޮށްފަ އެވެ. ޝަރީއާ ކޮމްޕްލައިންޓް އިންޝުއަރަންސް ހިދުމަތްތައް ހޯއްދެވުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިސްލާމިކް އިންޝުއަރަންސް ސޮލިއުޝަންސް ފޯރުކޮށްދެމުން އަންނަ މި ގޮތްޕަށް މި އަހަރު ވަނީ 11 އަހަރު ފުރިފަ އެވެ.
ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދިޔަ އިވެންޓްގައި އެލައިޑުން ވަނީ މި އިވެންޓްގެ ކޮންމެ ބައިވެރިއަކަށް ހާއްސަ ހޯމް ކޮންޓެންޓް ޕްލޭނެއް ހަދިޔާކޮށްފަ އެވެ. 150،000ރ. ގެ އަގުހުރި ގޭތެރޭގެ މުދާ ރައްކާތެރިކުރާ މި ޕްލޭނަކީ ގޭތެރޭގައި ހުންނަ ސާމާނަށް ކުރިމަތިވެދާނެ ފަދަ ގެއްލުންތަކަށް ބަދަލު ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ.