އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އެލައިޑް ތަކާފުލްގެ ”ފަޔާ ތަކާފުލް“ މިހާރު އޮންލައިންކޮށް ނެގޭނެ ކަމަށް އެ ކުންފުނިން އިއުލާނުކޮށްފި އެވެ.
މި އިންޝުއަރެންސް ޕްލޭނަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (އެސް.އެމް.އީސް) ހާއްސަކޮށްގެން ފަރުމާކޮށްފައިވާ، އިސްލާމީ ޝަރީއާއާ އެއްގޮތްވާ ގޮތުގެ މަތިން ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ.
އެލައިޑުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ޕްލޭން މެދުވެރިކޮށް ކުންފުނީގެ އޮންލައިން ޕްލެޓްފޯމް ”މައިއެލައިޑް“ އިން ހިދުމަތް ލިބިގަނެވޭނެ އެވެ. މި ޕްލޭންގެ ދަށުން އަލިފާނުގެ ހާދިސާތަކުންނާއި، ގުދުރަތީ ކާރިސާތަކުން މުދަލަށް ލިބޭ ގެއްލުމުގެ އިތުރުން އެހެނިހެން ސަބަބުތަކާ ހުރެ ލިބިދާނެ މާލީ ގެއްލުންތަކުން ރައްކާތެރިކަން ފޯރުކޮށްދެވޭނެ އެވެ.
މި ޕްލޭނުން ކަވަރުކޮށްދޭ އިތުރު ނުރައްކާތަކުގެ ތެރޭގައި ހަމަނުޖެހުންތަކާއި މުޒާހަރާތަކުން މުދަލަށް ލިބޭ ގެއްލުމާއި، ފެންޓޭންކު ނުވަތަ ފެން ހޮޅި ފަޅައިގެން ދިއުމުން ލިބޭ ގެއްލުމާއި، ވައްކަމުގެ ހާދިސާތަކުން ލިބޭ ގެއްލުންތައް ހިމެނެ އެވެ.
”ބޭކަރީތަކާއި، ރެސްޓޯރަންޓްތަކާއި، ޖިމްތަކާއި، ސެލޫންތަކާއި، ވޯކްޝޮޕްތަކާއި، ގުދަންތަކާއި، ޑައިވް ސެންޓަރުތަކާއި އަދި މި ނޫންވެސް ކުދި ވިޔަފާރިތަކަށް މިހާރު މި ރައްކާތެރިކަން އަވަހަށް އަދި ހެޔޮ އަގެއްގައި މި ޕްލޭންގެ ޒަރީއާއިން ލިބިގަނެވޭނެ،“ އެލައިޑުން މަޢުލޫމާތު ދީފައިވެ އެވެ. އަދި ކޮންމެ ވިޔަފާރިއަކަށް ވެސް އެ ވިޔަފާރިއަކާ ގުޅޭ ގޮތަށް މި ޕްލޭން ކަސްޓަމައިޒް ކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެލައިޑް ތަކާފުލްގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ވިޔަފާރިތަކަށް މާލީ ރައްކާތެރިކަން ހޯދައިދިނުން ފަސޭހަކޮށް، އަވަސް ހިދުމަތެއް ފޯރުކޮށްދިނުމާއެކު، އިންޝުއަރެންސް ޕްލޭންތައް އަތްފޯރާފަށުގައި ބެހެއްޓުން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.