ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ، ނޮއޭލް ގްރެގާރ ޕެޓަޝަން ޖޯންސް އިސްތިއުފާ ދެއްވީ މުސާރަ ނުލިބިގެން ކަމަށް ބުނެ މީސްމީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އެ ބޭންކުން ބުނެފިއެވެ.
ޑީބީއެމްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޖޯންސް އިސްތިއުފާ ހުށަހެޅި ތާރީޚާ ހަމައަށް ވެސް އެފަރާތަށް ޙައްޤުވާ މުސާރަ ދީފައިވާނެ އެވެ. އޭނާ 2025 ވަނަ އަހަރުގެ މާރިޗު 20 ވަނަ ދުވަހު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ހުށަހެޅުއްވި އިސްތިއުފާ އެ ބޯޑުން ވަނީ ބަލައިގަނެފަ އެވެ. އަދި މިކަން ޑީބީއެމްގެ ޑިރެކްޓަރުންގެ ބޯޑަށާއި މިސްޓަރ ޖޯންސްއަށް އަންގާފައިވާނެ ކަމަށްވެސް ބޭންކުން ބުނެފައިވެ އެވެ.
މީގެއިތުރުން، ޖޯންސް މުސާރައާ ގުޅޭގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ މަޢުލޫމާތު ބޭންކަށް ލިބިފައިވާ ކަމަށާއި، މި މައްސަލައާ ގުޅޭ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ބޭންކުގެ ޤާނޫނީ ވަކީލުންގެ ޓީމުން ކަމަށް ޑީބީއެމްއިން ބުނެފައިވެ އެވެ. އަދި މައްސަލަ ފައިސަލާކުރުމުގައި ބޭންކުން ފުރިހަމަކުރަންޖެހޭ ޤާނޫނީ އިޖުރާއާތުތަކާ އެއްގޮތަށް ޢަމަލުކުރަމުންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.
އެހެންނަމަވެސް، މިޖޯންސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުއްވި މައްސަލަ މިހާރު ވަނީ ބާޠިލުކޮށްފަ އެވެ. ޓްރައިބިއުނަލްގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިޔުމުގައިވާ ގޮތުން، މައްސަލަ ބާޠިލުކުރަން ނިންމާފައިވަނީ އޭނާއަކީ ދިވެހި ބަހުން މުޢާމަލާތްކުރެވޭނެ ފަރާތަކަށް ނުވެފައި، ތަރުޖަމާނަކު އައްޔަންކުރުމަށް ދިން ފުރުޞަތުގައި އެކަން ކޮށްފައިނުވާތީ އެވެ.
ޑީބީއެމްއިން އިތުރަށް ބުނެފައިވާ ގޮތުގައި، މިހާރު އެ މަޤާމަށް މީހަކު އައްޔަންކުރުމުގެ މަސައްކަތް ކުރިއަށްދެ އެވެ.
ޖޯންސް އެ މަޤާމަށް އައްޔަންކޮށްފައިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެވެ. އޭނާ އިސްތިއުފާ ދެއްވާފައިވަނީ 2025 ވަނަ އަހަރުގެ މާރިޗު 23 ވަނަ ދުވަހު އެވެ.