ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވި ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސްއަށް ލިބެންޖެހޭ މުސާރަ ހޯދުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ބާތިލުކޮށްފި އެވެ.
ޓްރައިބިއުނަލްގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުން، މައްސަލަ ބާތިލުކުރަން ނިންމާފައިވަނީ ޕެޓާސަން-ޖޯންސްއަކީ ދިވެހި ބަހުން މުއާމަލާތްކުރެވޭނެ ފަރާތަކަށް ނުވެފައި، ތަރުޖަމާނަކު އައްޔަންކުރުމަށް ދިން ފުރުސަތުގައި އެކަން ކޮށްފައިނުވާތީ އެވެ.
ޓްރައިބިއުނަލްގެ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން، ޓްރައިބިއުނަލްއަށް މައްސަލަ ހުށަހަޅާ ފަރާތްތަކުން ތަރުޖަމާނަކު ހޯދަންޖެހެނީ އެފަރާތްތަކުގެ އަމިއްލަ ޚަރަދުގަ އެވެ. ނަމަވެސް ޕެޓާސަން-ޖޯންސް ވަނީ މި ޝަރުތު ފުރިހަމަނުކޮށެވެ.
ޕެޓާސަން-ޖޯންސް ޑިވެލޮޕްމަންޓް ބޭންކްގެ ސީއީއޯގެ މަގާމަށް އައްޔަންކޮށްފައިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދީފައިވަނީ 2025 ވަނަ އަހަރުގެ މާރިޗު މަހުގެ 23 ވަނަ ދުވަހު އެވެ.
މުސާރަ ނުލިބުމާ ގުޅިގެން ޕެޓާސަން-ޖޯންސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވަނީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު އެވެ. ނަމަވެސް ތަރުޖަމާނަކު ހަމަޖެއްސުމުގެ މައްސަލައާ ގުޅިގެން މިހާރު ވަނީ މައްސަލަ ބާތިލުކޮށްފަ އެވެ.
