ކ. ފުނަދޫގައި ތެޔޮ ރައްކާކުރާ މިންވަރަށް ވުރެ ތެލަށް އޮންނަ ޑިމާންޑު އިތުރުވެފައިވާތީ، އެސްޓީއޯގެ ތެޔޮ ރައްކާކުރާ އާ ފިއުލް ޓާމިނަލް ތިލަފުއްޓަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ޕާފޯމަންސާއި މުސްތަގުބަލަށް ހުރި ޕްލޭންތަކާ ގުޅޭ ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުން، ”ފުނަދޫ އަކީ ކުޑަ ރަށަކަށް ވުމުން އެ ރަށުގައި އިތުރު އިންފްރާސްޓްރަކްޗާ ތަރައްގީ ކުރާނެ ޖާގަ ނެތް“ ކަމަށް ޝިމާދު ވިދާޅުވި އެވެ.
ތިލަފުށީގައި ގާއިމްކުރާ އާ ފިއުލް ޓާމިނަލްގެ ކޮންސެޕްޓު ޑިޒައިންގެ މަސައްކަތް ޑެންމާކުގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށާއި، މި ކޮންސެޕްޓް ޖޫން މަހުގެ ތެރޭގައި ލިބޭނެ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވި އެވެ.
އެސްޓީއޯއިން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރުމުގެ ގޮތުން، ހާއްސަކޮށް މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ޒަމާނީ ފެންވަރުގެ މޮޑިއުލާ ފިއުލް ސްޓޭޝަންތައް 19 އަތޮޅެއްގައި ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޝިމާދު ވިދާޅުވި އެވެ.
މީގެ އިތުރުން، އެސްޓީއޯގެ ފިއުލް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ތިން ޓޭންކަރާއި 11 ބާޖު އެ ކުންފުނީގެ ފްލީޓަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. މިއީ ރާއްޖޭގެ ތެލުގެ ޑިމާންޑަށް އަންނަ އިތުރުވުމާއެކު އެސްޓީއޯއިން އަޅަން ނިންމި މުހިންމު ފިޔަވަޅެކެވެ.
އެސްޓީއޯގެ އެމްޑީ އިބްރާހީމް ޝިމާދު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)