އެސްޓީއޯއިން ކުރަމުން އައި ބޭހުގެ ވިޔަފާރި ވަކި ކުންފުންޏަކާ ހަވާލުކޮށް، އެސްޓީއޯގެ އަމާޒު ދަނޑުވެރިކަމުގެ ދާއިރާއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނާއެކު ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ބޭހާއި މެޑިކަލް އިކުއިޕްމަންޓްސް އަދި މެޑިކަލް ޑިވައިސަސް ގެނައުމަށް ސަރުކާރުން ވަކި ކުންފުންޏެއް އުފައްދާފައިވާ ކަމަށެވެ. މި ބަދަލާ ގުޅިގެން އެސްޓީއޯއިން މިހާރު އަމާޒު ހިފާފައިވަނީ ކާބޯތަކެތީގެ ވިޔަފާރިއަށް ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
”އެސްޓީއޯއިން ރާއްޖޭގެ އެކި ރަށްރަށުގެ ބިންތައް ނަގައިގެން ކާބޯތަކެތި އުފެއްދުމުގެ މަސައްކަތް ފަށާނެ. އަދި ޕޯލްޓްރީ ފާމިންގެ މަސައްކަތްތައް ވެސް ވަރަށް އަވަހަށް ފެށޭނެ،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިއީ ސަރުކާރުން ނިންމާފައިވާ ނިންމުމެއް ކަމަށާއި، ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށް އެސްޓީއޯއިން ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާނެ ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ޓަކައި ކުރެވޭ ކަމެއްކަން ވެސް ފާހަގަކުރެއްވިއެވެ.
”މި ކަންކަން ކުރުމުން އެކަމާ ހިތްހަމަނުޖެހޭ ބަޔަކު ތިބެދާނެ. އެހެންނަމަވެސް މިއީ ރައްޔިތުންނަށް ހެޔޮގޮތެއް ވުމަށް ކުރެވޭ ކަމެއް،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
ސަރުކާރުން އުފެއްދި ބޭސް އެތެރެ ކުރާ ކުންފުނީގެ ފުރަތަމަ އެމްޑީއަކަށް ޑޮކްޓަރ ޝާހު މާހިރު މިދިޔަ ހަފްތާގައި ވަނީ އައްޔަންކޮށްފައެވެ. ’ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް‘ ގެ ނަމުގައި އުފައްދާފައިވާ މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާ ކުރުމެވެ. އަދި މި ތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކުރުމެވެ.
އޭގެއިތުރުން ސަރުކާރުން ވަނީ އެސްޓީއޯ މެދުވެރިކޮށް ރާއްޖެ އެތެރެކުރާ ކާބޯތަކެތީގެ ލިސްޓަށް އިތުރު 23 ބާވަތެއް އިތުރުކުރުމަށްވެސް މިދިޔަ ހަފްތާގަ ނިންމާފައެވެ. އެގޮތުން އެސްޓީއޯއިން އެތެރެކުރާ މޭވާގެ ތެރޭގައި ދޮންކެޔޮ، އާފަލު، އޮރެންޖް، ލުނބޯ، ޕެޝަން ފްރުޓް، މޭބިސްކަދުރު، ކަރާ، އަނބު އަދި ފަޅޯ ހިމެނެއެވެ. އަދި ތަރުކާރީގެ ގޮތުގައި ފިޔާ، އިނގުރު، ކެރެޓް، ލޮނުމެދު، އަލުވި، ކައްޓަލަ، ބަށި، ބޯވެލި (ސްޕިނިޗް)، ބަރަބޯ، ކެބެޖް އަދި މިރުސް ހިމެނެއެވެ. މީގެ އިތުރުން އެހެނިހެން ބާވަތްތަކުގެ ގޮތުގައި މުގު (ރީނދޫ)، ކުކުޅު ބިސް އަދި ކާށި ހިމެނެއެވެ.
އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެފައިވަނީ ”އޮކްޓޫބަރު 15 އަކީ މި ދެންނެވި 23 ބާވަތް ރާއްޖޭން އަގު ހެޔޮކޮށް ލިބެން ހުންނާނެ ކަން އެސްޓީއޯއިން ޔަގީންކުރަން ޖެހޭނެ ތާރީހު“ ކަމަށެވެ. އަދި އެ ތާރީހުގެ ކުރިން ވެސް އެއްވެސް ބާވަތެއްގެ އަގު ބޮޑުވެއްޖެނަމަ، އެސްޓީއޯއިން އެ ބާވަތެއް ގެނެސް ވިއްކާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެސްޓީއޯގެ އެމްޑީ އިބްރާހީމް ޝިމާދު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)