އަސާސީ ކާބޯތަކެތީގެ ގޮތުގައި އެސްޓީއޯއިން އެތެރެކުރާނެ 23 ބާވަތެއްގެ ތަކެތީގެ ލިސްޓެއް އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފިއެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ލިސްޓުގައި ހިމެނެނީ 10 ބާވަތެއްގެ މޭވާއާއި، 10 ބާވަތެއްގެ ތަރުކާރީގެ އިތުރުން އެހެނިހެން ތިން ބާވަތެއްގެ ކާބޯތަކެތި ކަމަށެވެ.
އެސްޓީއޯއިން އެތެރެކުރާ މޭވާގެ ތެރޭގައި ދޮންކެޔޮ، އާފަލު، އޮރެންޖް، ލުނބޯ، ޕެޝަން ފްރުޓް، މޭބިސްކަދުރު، ކަރާ، އަނބު އަދި ފަޅޯ ހިމެނެއެވެ. އަދި ތަރުކާރީގެ ގޮތުގައި ފިޔާ، އިނގުރު، ކެރެޓް، ލޮނުމެދު، އަލުވި، ކައްޓަލަ، ބަށި، ބޯވެލި (ސްޕިނިޗް)، ބަރަބޯ، ކެބެޖް އަދި މިރުސް ހިމެނެއެވެ. މީގެ އިތުރުން އެހެނިހެން ބާވަތްތަކުގެ ގޮތުގައި މުގު (ރީނދޫ)، ކުކުޅު ބިސް އަދި ކާށި ހިމެނެއެވެ.
އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެފައިވަނީ ”އޮކްޓޫބަރު 15 އަކީ މި ދެންނެވި 23 ބާވަތް ރާއްޖޭން އަގު ހެޔޮކޮށް ލިބެން ހުންނާނެ ކަން އެސްޓީއޯއިން ޔަގީންކުރަން ޖެހޭނެ ތާރީހު“ ކަމަށެވެ. އަދި އެ ތާރީހުގެ ކުރިން ވެސް އެއްވެސް ބާވަތެއްގެ އަގު ބޮޑުވެއްޖެނަމަ، އެސްޓީއޯއިން އެ ބާވަތެއް ގެނެސް ވިއްކާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެފައިވަނީ، މި ބާވަތްތައް ދާއިމީކޮށް އެތެރެކޮށް ވިއްކުމަށް ރަނގަޅު އިންތިޒާމުތަކެއް މިހާރު ވަނީ ހަމަޖައްސާފައި ކަމަށެވެ. އެގޮތުން އިންޑަސްޓްރިއަލް ވިލެޖްގައި ޒަމާނީ ދެ ގުދަން ގާއިމްކޮށްފައިވާ ކަމަށް އެމްޑީ ޝިމާދު ހާމަކުރެއްވިއެވެ.
ސަރުކާރުން މި ނިންމުން ނިންމާފައިވަނީ ފަހަކަށް އައިސް ބާޒާރުގައި ތަކެތީގެ އަގު އުފުލެމުން ދިއުމާ ގުޅިގެން، އަގުތައް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. މި ބާވަތްތައް އެސްޓީއޯއިން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)