ދުނިޔާގެ ސިޔާސީ މަޝްރަހު އެނބުރޭގޮތުންނާއި، މެދުއިރުމަތީގައި މިހާރު ކަންކަން ހިނގަމުންދާގޮތުން ދުރު މުސްތަޤުބަލެއްގައި މުސްލިމުންނަށް ލިބޭނީ ގެއްލުންކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގަ ހިނގާ ވަކިކަމެއް ވިދާޅުނުވެ، ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ ވިދާޅުވީ ”މިދުވަސްވަރު މެދުއިރުމަތީގައި ކަންތައްތައް ހިނގަމުންދާގޮތުން އާޚިރުގައި ޢަރަބީންނަށާއި މުސްލިމުންނަށްވާނީ ގެއްލުންކަމުގައި ގިނަބަޔަކު ދެކޭ“ ކަމަށެވެ.
ބޮޑަށް ބެލެވޭ ގޮތުގައި ރައީސް މައުމޫން އިޝާރަތް އެ ކުރެއްވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު މެދުއިރުމަތީގެ ތިން ޤައުމަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަށެވެ. ވަކިން ހާއްސަކޮށް، އެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވަޑައިގެންނެވި ސައުދީ އަރަބިއްޔާގައި، ސީރިއާގެ މީހާރުގެ ރައީސް ރައީސް އަޙްމަދު އަލް-ޝަރާޢު ބައްދަލުކުރެއްވި ބައްދަލުކުރެއްވުމަށެވެ.
ސީރިއާގެ ރައީސް އަލް-ޝަރާޢުއާ ބައްދަލުކުރެއްވުމުގެ ކުރިން، ޓްރަމްޕް ވަނީ ސީރިއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އުވާލައްވާނެކަންވެސް އިއުލާންކުރައްވާފަ އެވެ. އެ އިއުލާންކުރެއްވުން ޓްރަމަޕް އިއުލާންކުރެއްވީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.
ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، އަލުން ހާރިޖީ ގުޅުން ޤާއިމްކުރުމަށް ޓްރަމަޕް ހުށަހެޅުއްވި ޝަރުތުތަކުގެ ތެރެއިން އެއް ޝަރުތަކީ އިޒްރޭލާއެކު އޮންނަ ގުޅުން ބަދަހިކޮށް، ފަލަސްތީނުގެ ހަނގުރާމަވެރިންކަމަށް އެމެރިކާއަށް ފެންނަ މީހުންގެ ތެރެއިން، ސީރިއާގައި ތިބި އެ ޤައުމުގެ ރައްޔިތުން ބަންދުކުރުމެވެ.
ނަމަވެސް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެކިވަޑައިގެންނެވި ގޮތުގައި ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމަށް އެމެރިކާއިން ނިންމި ނިންމުމަކީ އެޅި ވަރަށް ރަނގަޅު ފިޔަވަޅެކެވެ. އެގޮތުން ޝަހީމްގެ އެކްސަގައި ކުރެއްވި ޕޯސްޓެއްގައި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއަށާއި، އެ ސަރުކާރަށް ޝުކުރު އަދާކޮށް ވިދާޅުވެފައިވަނީ ސީރިއާގެ ރައްޔިތުން ވޭތުވެދިޔަ އަހަރުތަކުގައި ވަރަށް ބޮޑެތި ތަކްލީފުތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އަދި އެ ޤައުމުގެ ރައްޔިތުންނަށް ޢިއްޒަތްތެރިކަމާއެކު ދިރިއުޅުމުގެ ޙައްޤު ލިބިދޭންޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
”ސީރިއާއަކީ މުއްސަނދި ޘަޤާފަތެއް އޮތް ޤަދީމީ ޤައުމެއް. އެ ޤައުމުގެ ރައްޔިތުންނަށް ޢިއްޒަތްތެރިކަމާއެކު ދިރިއުޅުމުގެ ޙައްޤު ލިބިގެންވޭ،“ މިނިސްޓަރ ޝަހީމް ވިދާޅުވި އެވެ.
ރައީސް މައުމޫންއަކީ ސީރިއާއަށް ގެނެވުނު ބަޤާވާތުގައި ޤައުމު ދޫކޮށް ފިއްލެވި އެ ޤައުމުގެ ކުރީގެ ރައީސް ބައްޝާރުލް އަސަދަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އެގޮތުން އަސަދު ޤައުމު ދޫކުރައްވާ، ރަޝިޔާއަށް ފިއްލެވި ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ލިޔުއްވާފައިވަނީ، އެމަނިކުފާނުގެ ރަހުމަތްތެރި އަސަދު ގައުމު ދޫކޮށް ފިލަން ޖެހުމުން ހިތާމުކުރައްވާ ކަމަށެވެ. އަދި ސީރިޔާގެ އަހުންނާއި އުހުތުންނަށް ސުލްހަމަސަލަސްކަމާއި އުފާފާގަތިކަމަށް އެދިވަޑައިގަންނަވާ ކަމަށްވެސް، ރާއްޖޭގައި 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި މައުމޫން ލިޔުއްވާފައިވެ އެވެ.
ބަދަލުގައި ޝަހީމްއަކީ، ސައުދީ އަރަބިއްޔާއާ ގާތް ގުޅުންތަކެއް އަބަދުވެސް ބާއްވާ ބޭފުޅެކެވެ. އެގޮތުން މިނިސްޓަރ ޝަހީމް ފާހަގަކޮށްލެވީ ސައުދީގެ ޝާހީ އާއިލާގެ ފަރާތްތަކާއި ގާތްގުޅުމެއް ބާއްވައި، ޝާހީ އާއިލާގެ ސިޔާސަތުތަކަށް އަބަދުވެސް ތާއީދުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.
އަސަދުގެ ވެރިކަން ބަދަލުކޮށް، ސީރިއާގެ ވެރިކަން ބަޤާވާތަކުން ރައްޔިތުންނާއި އެ ސަރުކާރާއި ދެކޮޅު ހަނގުރާމަވެރިން ބަދަލުކުރީ ނިމުނު 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު އެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ އަރަބިއްޔާ ސީރިޔާ
