ހެއްކެއް ނެތަސް ގޮތް ނިންމީ ޖޭއެސްސީން ޤަބޫލުކުރާހިތްވި ގޮތަށް: އަޒްމިރާލްދާ

Advertisement

އެންމެ ފަސް

Advertisement

ތުހުމަތު ކުރެވުނު ސުލޫކީ މައްސަލައިގައި ހެއްކެއް ނެތްނަމަވެސް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްްސީ)އިން ގޮތް ނިންމީ އެ ކޮމިޝަނުން ޤަބޫލުކުރާހިތްވި ގޮތަށް ކަމަށް އަޒްމިރާލްދާ ޒާހިރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަޒްމިރާލްދާ ޒާހިރު ވަކިކޮށްފަ އެވެ. އެކަމާ ގުޅިގެން އަޒްމިރާލްދާ ނެރުއްވި ބަޔާނުގައި ވިދާޅުވީ މަގާމުން ވަކިކޮށްފައިވަނީ، މެންބަރުން މަގާމުގެ ޒިންމާ އަދާކުރެއްވުމުގެ ބަދަލުގައި ”ސިޔާސީ އެންގެންތަކަށް ބަޓަކަށް ފިތާލާ، ބުއްދީގެ ހަމަތަކާއި އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި“ މަސައްކަތް ކުރައްވައިގެން ކަމަށެވެ.

އަޒްމިރާލްދާ ވިދާޅުވީ މަގާމުން ސަސްޕެންޑް ކުރީ ދުސްތޫރީ މައްސަލައިގެ ޝަރީއަތަށް ވަދެ ވަދެ ތިއްބައި ކުއްލި ގޮތަކަށް ކަމަށެވެ.

”26 ފެބްރުއަރީ 2025 ގައި އަޅުގަނޑާއި އެހެން ފަނޑިޔާރުން ސަސްޕެންޑް ކުރިކަމުގެ ޚަބަރު ލިބުމުން އެ ވަގުތު އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު ވިދާޅުވެފައިވަނީ ދެން އަޅުގަނޑުމެން އެނބުރި ސުޕްރީމް ކޯޓަށް ނާންނާނެ ކަމަށެވެ. ސަސްޕެންޑް ކުރެވުނު ފަނޑިޔާރަކާއެކު ”ވަދާއީ“ ފޮޓޯއެއް އުއްތަމަ ފަނޑިޔާރު ނެންގެވިތަން ބަލަހައްޓައިގެން އަޅުގަނޑު ދުރުގައި އިންއިރު އޭރުވެސް ވިސްނުނީ މިދާގޮތަށް ކަންކަން ދާނަމަ، ކުއްލި ގޮތަކަށް މާދަމާ ސުޕްރީމް ކޯޓުގެ ވަޒީފާއިން އަޅުގަނޑު ވަކިކުރާނެއެވެ.“ އަޒްމިރާލްދާގެ ބަޔާނުގައި ބުނެފައިވެ އެވެ.

އަޒްމިރާލްދާ ވިދާޅުވީ ފެބްރުއަރީ 26 އިން ފެށިގެން މިއަދާހަމައަށް ކުރެވުނީ ގޮންޖެހުންތަކާއި ހުރަސްތަކުން ފުރިގެންވާ ދަތުރެއް ކަމަށެވެ. އަދި އެކަމުގެ ސަބަބަކީ ޤާނޫނުގެ ވެރިކަން ނުހިނގުން ކަމަށެވެ.

ލިބިދޭ ބައެއް ހައްޤުތައް ޖޭއެސްސީން ހިފެހެއްޓިކަން ފާހަގަކުރައްވާ އަޒްމިރާލްދާ ވިދާޅުވީ ދިފާއި ހުރިހާ ހެއްކެއް ބަލައިނުގަންނަން ނިންމައި، ޖޭއެސްސީން ގޮތް ނިންމީ ހެއްކެއް ނެތަސް އެ ކޮމިޝަނުން ޤަބޫލުކުރާހިތްވި ގޮތަށް ކަމަށެވެ. އަދި މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފައަށް ބެލުމެއްނެތި ޖުޑިޝަރީ ކޮމިޓީންވެސް ގޮތްނިންމާފައިވަނީ މިފަދައިން ކަމަށް އަޒްމިރާލްދާ ވިދާޅުވި އެވެ.

”މިއަދު އަޅުގަނޑާއި އަޅުގަނޑުގެ ފިރިމީހާ ވެފައިވަނީ ސަރުކާރުގެ ބައެއް އިސްވެރިން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި ފްރޭމްކުރުމުގެ އޮޕަރޭޝަނެއްގެ ޝިކާރައަކަށެވެ.“ އަޒްމިރާލްދާގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެއިތުރުން އަޒްމިރާލްދާ ވިދާޅުވީ ކްރިމިނަލް ކޯޓުގެ ނުވަތަ އެހެން ކޯޓެއްގެވެސް އެއްވެސް ފަނޑިޔާރަކަށް އެއްވެސް ޒަމާނެއްގައި ނުފޫޒު ފޯރުވަން ގުޅާފައި ނުވާނެ ކަމަށެވެ. އަދި މީހަކު ލައްވައި ގުޅުވާފައިވެސް ނޯންނާނެ ކަމަށެވެ.

ޝަރިއީ ދާއިރާގައި ހޭދަކުރި 24 ވަރަކަށް އަހަރުގެ ތެރޭގައި ދުވަހަކުވެސް މަޤާމުގެ ނަހަމަ ބޭނުންކޮށްގެން އަމިއްލަ ފައިދާއަށްތަކައި ނުވަތަ އެހެން މީހެއްގެ ފައިދާއަކަށްވެސް އެއްވެސް ފަރާތެއްގެ މައްޗަށް ނުފޫޒު ފޯރުވާފައި ނޯންނާނެ ކަމަށްވެސް އަޒްމިރާލްދާ ވިދާޅުވި އެވެ. އަޒްމިރާލްދާ ވިދާޅުވީ މިއީ ފަރުދީ ގޮތުން ރައްދުވި ހަމަލާއެއް ނޫން ކަމަށާއި މިއީ ރާއްޖޭގެ ޖުޑިޝަރީއަށް ދިން ހަމަލާއެއް ކަމަށެވެ.

ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސުޕްރީމް ކޯޓު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ