ޔާމީންގެ ޝަރީއަތް މިމަހު 29 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމް ބާތިލު ކުރި ހުކުމުގެ ބައެއް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުމެއް މިމަހުގެ ފަހުކޮޅަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފި އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި އަބްދުﷲ ޔާމީން އަދި ޔޫސުފް ނައީމްގެ މައްޗަށް އިއްވި ޖަލު ހުކުމް ހައިކޯޓުން ބާތިލުކޮށް ވަނީ އެ މައްސަލައިގައި ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފަ އެވެ. ހައިކޯޓުން ނިންމި ނިންމުމުގައި ވަނީ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު ބައެއް ހެކިތައް އެއްފަރާތްކުރުމަށް އަންގާފައިވެ އެވެ. އެ ހެކިތައް އެއްފަރާތްކުރުމަށް ހައިކޯޓުން އަންގާފައިވަނީ، އެ ހެކިތައް ދަށު ކޯޓަށް ބަލައިގަތުމުގެ އިޖުރާއަތް ރަނގަޅުނޫންކަމަށް ބަޔާންކޮށެވެ.

ބައެއް ހެކިތައް އެއްފަރާތްކުރުމަށް ހައިކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ބައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް އެ ކޯޓުގައި ތާވަަލުކޮށްފައި ވަނީ މިމަހުގެ 29 ވަނަ ދުވަހު 11:30 އަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ.

ޕީޖީ އޮފީހުުން މީގެ ކުރިން ބުނެފައިވަނީ އެ ހެކިތައް ބަލައިގަތުމަށް ދަށު ކޯޓުން ނިންމި އިޖުރާއަތަކީ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު އިސްލާހު ކުރެވިދާނެ އިޖުރާއަތަކަށްވާތީ، އެ ހެކިތައް އެއްފަރާތްކުރުމަށް ހައިކޯޓުން އެންގި އެންގުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ އަރާރުންވާ ކަމަށެވެ.

މިމައްސަލަ ޕީޖީން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު ޕީޖީ އޮފީހުން އެދިފައިވަނީ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން ނިންމި ނިންމުން ބާތިލުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް މައްސަލައިގައި އަލުން ގޮތެއް ކަނޑައެޅުމުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ހުށަހެޅި ހެކިތަކާ ގުޅިގެން، ދިފާޢުން ހުށަހެޅުމެއް އޮތްނަމަ ހުށަހެޅުމުގެ ފުރުސަތުދީ، އެ ހެކިތަކާ ގުޅިގެން ދެފަރާތުން ޝަރީއަތުގައި ބަހުސްކުރުމުގެ ފުރުސަތުދީ، އެ ހެކިތައް ބަލައިގަތުމާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ދަށު ކޯޓަށް އަންގައިދިނުމަށެވެ.

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ޔޫސުފް ނައީމުގެ މައްޗަށް ކްރިމިނަލް ކޯޓުން ޖަލު ހުކުމް އިއްވީ 2023 ޑިސެމްބަރު 25 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ރިޝްވަތު ނެގުމާއި މަނީލޯންޑަރިިން ކުށް ސާބިތުވާ ކަމަށް ހުކުމްކޮށް 11 އަހަރަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފައިވެ އެވެ. އަދި ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިންކަމުގެ ކުށް ސާބިތުވެ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ. ކްރިމިނަލް ކޯޓުގެ ނިންމުން ޔާމީން އަދި ޔޫސުފް ނައީމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކްރިމިނަލް ކޯޓުގެ ނިންމުމާމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލުކުރުމަށް އަދި ޖަލު ހުކުމް ބާތިލު ކުރުމަށް ހުކުމް ކޮށްފައިވަނީ 18 އެޕްރީލް 2024 ދުވަހު އެވެ. 

ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ