ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައިގައި ވޯޓަށް އަހާފަ އެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވަކިކުރުމަށް ނެގި ވޯޓުގެ ނަތީޖާ:
- ފެންނަ ކަމަށް: 68 މެންބަރުން
- ނުފެންނަ ކަމަށް: 11 މެންބަރުން
ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކިކުރުމަށް ނެގި ވޯޓުގެ ނަތީޖާ:
- ފެންނަ ކަމަށް: 68 މެންބަރުން
- ނުފެންނަ ކަމަށް: 11 މެންބަރުން
ޑރ. އަޒްމިރާލްދާ ޒާހިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް އައްޔަން ކުރެވުނީ 04 ސެޕްޓެންބަރު 2019 ގައެވެ. މަހާޒު އަލީ ޒާހިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް އައްޔަން ކުރެވުނީ 04 ނޮވެންބަރު 2019 ގައެވެ.
ފަނޑިޔާރު އަޒްމިރާލްދާ އަދި މަހާޒް ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވާ މައްސަލައިގައި ޖޭއެސްސީން މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ފަނޑިޔާރު އަޒްމިރާލްދާގެ ފިރިކަލުން ފުލުހުންގެ ހައްޔަރަށް ގެނެސް ބަންދު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އަޒްމިރާލްދާގެ އެދުމުގެމަތިން ފަނޑިޔާރު މަހާޒް ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވާފައިވާކަން ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށެވެ. އެހެންކަމުން ފަނޑިޔާރު މަހާޒް އަދި އަޒްމިރާލްދާ މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމުމަށް މަޖިލީހަށް ފޮނުވާ ކަމަށް ޖޭއެސްސީގެ ސިޓީގައި ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު، މަހާޒް އަލީ ޒާހިރު އަދި ހުސްނުއްސުއޫދު މަގާމުން ސަސްޕެންޑް ކޮށްފައިވަނީ އެ ތިން ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ތަހުގީގެން ހިންގަމުންދާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޖޭއެސްސީއަށް އެންގުމުންނެވެ. އެއާއެކު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވާފައިވެ އެވެ.
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި މަހާޒް އަލީ ޒާހިރުއާ ގުޅޭ ދެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުން ގޮސްފައިވެ އެވެ. އެއީ އަޒްމިރާލްދާގެ ފިރިކަލުން ހައްޔަރުކޮށް ބަންދުޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައާއި ފަނޑިޔާރު ހުސްނުއްސުއޫދު ހައިކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް 2022 ވަނަ އަހަރު ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުތުރުކޮށް ވާހަކަދެއްކި ކަމަށް ބުނާ ތަނުގައި ދެ ފަނޑިޔާރުން ތިއްބެވިކަމަށް ބުނާ މައްސަލަ އެވެ.
ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު ސަސްޕެންޑް ކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 ކުން 5 އަށް މަދު ކުރުމަށް މަޖިލީހުން ފާސްކުރިތާ ކުދަ ވަގުތުކޮޅެއް ފަހުންނެވެ. ނަމަވެސް އެ އިސްލާހު ތަސްދީގު ނުކުރައްވާ ރައީސް ވަނީ އަނބުރާ މަޖިލީހަށް ފޮނުވާލައްވާފަ އެވެ. ފަނޑިޔާރުން ސަސްޕެންޑް ކުރިއިރު މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައެއް އެ ކޯޓުން އައީ ބަލަމުންނެވެ. މިހާރު އެ މައްސަލަ އޮތީ ހުއްޓީފަ އެވެ.
ރައްޔިތުންގެ މަޖިލިސް މަހާޒް އަލީ ޒާހިރު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސުޕްރީމް ކޯޓު