ދެ ފަނޑިޔާރުން ވަކި ކުރުމާމެދު ގޮތެއް ނިންމުމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

Advertisement

އެންމެ ފަސް

Advertisement

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލައިގައި އެ ދެ ފަނޑިޔާރުން ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާ ގުޅޭ ސުލޫކީ މައްސަލަތަކެކެވެ. މި މައްސަލަތަށް ބެލުމަށް ފަހު އެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރުމަށް ޖޭއެސްސީން ވަނީ މަޖިލީހަށް ފޮނުވާފަ އެވެ. މަަޖިލީހުން އެ މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމުން ކޮމިޓީން ވަނީ ޖޭއެސްސީގެ ނިންމުން ރަނގަޅުކަމަށް ނިންމާ މި މައްސަލައާ މެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމާފަ އެވެ.

ފަނޑިޔާރު އަޒްމިރަލްދާ މަގާމުން ވަކި ކުރަން ޖޭއެސްސީން ނިންމާފައިވަނީ އަޒްމިރާލްދާގެ ފިރިކަލުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ ސުލޫކީ މައްސަލައެއްގަ އެވެ. ފަނޑިޔާރު މަހާޒު މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމީ ހަމަ މި މައްސަލައިގަ އެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާގައި ވާ ގޮތުން މި މައްސަލާގައި ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް އިއްވާނެ އެވެ. އެއަށް ފަހު މި މައްސަލައިގައި ބަހުސް ކުރުމުގެ ފުރުސަތު ހުޅުވާލާނެ އެވެ،

ފަނޑިޔާރު އަޒްމިރާލްދާ އަދި މަހާޒް ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވާ މައްސަލައިގައި ޖޭއެސްސީން މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ފަނޑިޔާރު އަޒްމިރާލްދާގެ ފިރިކަލުން ފުލުހުންގެ ހައްޔަރަށް ގެނެސް ބަންދު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އަޒްމިރާލްދާގެ އެދުމުގެމަތިން ފަނޑިޔާރު މަހާޒް ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވާފައިވާކަން ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށެވެ. އެހެންކަމުން ފަނޑިޔާރު މަހާޒް އަދި އަޒްމިރާލްދާ މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމުމަށް މަޖިލީހަށް ފޮނުވާ ކަމަށް ޖޭއެސްސީގެ ސިޓީގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް މަހާޒް އަލީ ޒާހިރު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސުޕްރީމް ކޯޓު ޖުޑިޝަރީ ކޮމިޓީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ