ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭ ފޭސް 2 ގައި ކަސްޓަމަރ ކެއާ އޮފީހެއް ހުޅުވައިފި އެވެ.
އެޗްޑީސީން ބުނީ މިއީ އެ ކޯޕަރޭޝަނުން ދެމުންއަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ހުޅުވުނު އޮފީހެއް ކަމަށެވެ. މި އޮފީސް ހުންނާނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ’ވިނަރެސް‘ ޓަވަރު 6 ގައިކަމަށް އެޗްޑީސީން ބުނެ އެވެ.
މި އޮފީހަކީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށް، ފަސޭހައިން އެޗްޑީސީގެ ކަސްޓަމަރ ކެއާ މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ މަގު ފަހިކުރުމަށް ގާއިމްކުރި އޮފީހެއްކަމަށް އެޗްޑީސީން ބުނެ އެވެ. މި އޮފީސް ގާއިމްކޮށްފައިވަނީ ވިނަރެސްގެ ހަވަނަ ޓަވަރުގެ އެއްވަނަ ފަންގިފިލާގައެވެ.
އެޗްޑީސީގެ އާ އޮފީހުން ކަސްޓަމަރުންނަށް މައުލޫމާތު ސާފުކޮށްދިނުމާއި، އެކި ކަހަކަ ފޯމު އެޕްލިކޭޝަންތަކާއި ފައިސާ ބަލައިގަތުމުގެ ހިދުމަތްވެސް ލިބޭނެ އެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 02:00 އަށް މި އޮފީސް ހުޅުވިފައި ހުންނާނެކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.
’ހިޔާ‘ ޓަވަރުގައި ގާއިމްކޮށްފައިވާ އެޗްޑީސީގެ އޮފީސް ދާއިމީކޮށް ބަންދުކުރުމާ ގުޅިގެން، އެ އޮފީހުން ދެމުންއައި ހުރިހާ ހިދުމަތެއް މީގެ ފަހުން ލިބޭނީ ’ވިނަރެސް‘ އެޗްޑީސީ އޮފީހުންކަމަށްވެސް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ އެ ކޯޕަރޭޝަންއިން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް މަގަފަހިކޮށްދިނުމަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.
