ގދ. ނަޑެއްލާއިން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ މީހާ ފެނިފައިވާކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނި ނަޑެއްލާއިން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ ހދ. ނޮޅިވަރަން / ސުހާނީ، އާދަމް އިބްރާހިމް (34އ) ފެނިފައިވާ ކަމަށެވެ.
އޭނާ ފެނިފައިވަނީ މިއަދު 16:45 އެހާކަންހާއިރު ނަޑެއްލާ ކައިރީ އޮންނަ ފަޅުރަށަކުންކަމަށާއި އޭނާގެ ހާޅު ރަނގަޅުކަމަށް ފުލުހުން ބުނެ އެވެ.
އާދަމް އިބްރާހިމް ފެނިފައިވަނީ އޭނާ ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ފުލުހުންނާއި ރައްޔިތުންގެ ޓީމަކަށެވެ.
ކޯސްޓްގާރޑުން ވެސް މި މީހާ ހޯދުމުގެ މަސައްކަތުގައި މިއަދު ހެނދުނުން ފެށިގެން ހަރަކާތްތެރިވެފައިވާ ކަމަށާއި މި މީހާ ހޯދުމުގެ ގޮތުން ނަޑެއްލާ ފަޅު ތެރެއިން 10 ފަޅުރަށް ބަލާފައިވާކަމަށް ފުލުހުން ބުނެ އެވެ. އަދި ނަޑެއްލާގެ އެކި ސަރަހައްދުތައްވެސް ބަލާފާސް ކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.
އާދަމް އިބްރާހީމް ގެއްލިފައިވާ މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ފުލުހުން ބުނެ އެވެ.



