ދިވެހިރާއްޖެ 2.0 އަކީ ރައްޔިތުން ބާރުވެރިކުރުވާ ނިޒާމެއް ކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން ވިދާޅުވެއްޖެ އެވެ.
މުބީން މިފަދައިން ވިދާޅުވެފައިވަނީ ”ޑިޖިޓަލް މޯލްޑިވްސް 2.0“ ސަމިޓާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި މުބީން ފާހަގަކުރައްވާފައިވަނީ، ތަރައްޤީއާއި ތަމައްދުނުގެ އައު ޒަމާނަކަށް އަލިވިލޭ ހިނދު، ދިވެހި ފަސްގަނޑުގެ ޝުޢޫރަކީ މަރުހަބާގެ ރޫޙު ކަމަށާއި، ޖެއްސުމާއި ދެކޮޅުވެރިކަމުގެ ޖަޒުބާތެއް ނޫން ކަމަށެވެ.
”މިކަން ފިސާރި ރަނގަޅަށް އިދިކޮޅު ފަރާތްތަކަށް ފަހުމުވާން ވާނެއެވެ. ތަހުޒީބީ ވިސްނުމަށް ހޭޖެހެންވާނެއެވެ. ނޫން ނަމަ، ހެޔޮ ކޮންމެ ކަމެއްމެ، ފާފު ޕްރޮޖެކްޓަށްވެ ނިމި ހިނގައިދާނެއެވެ،“ މުބީން ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދިވެހިރާއްޖެ 2.0 އަށް އޮތީ ސަރާސަރު ރާސްތާއެއް ކަމަށާއި، އޭގެ ފައިދާ މުޅި ދިވެހިރާއްޖެއަށް ކުރާނެ ކަމަށް މުބީން ފާހަގަކުރެއްވި އެވެ. އަދި މިއީ ރައްޔިތުން ބާރުވެރިކުރުވާ ނިޒާމެއް ކަމަށާއި، ނަޒާހާތްތެރި ޚިދުމަތުގެ އައު ސޮފްހާއެއް ކަމުގައިވެސް ވިދާޅުވި އެވެ.
ދިވެހިރާއްޖެ 2.0 އަކީ ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކަށްވެސް ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ތަސައްވުރެކެވެ. މި ތަސައްވުރުގެ ދަށުން ދައުލަތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އާންމު މައުލޫމާތާއި ޚިދުމަތްތައް ހަލުވިކަމާއި އިތުބާރާއެކު ފޯރުކޮށްދީ، އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ޚިދުމަތް ދެމުންދާ ނިޒާމު ބަދަލުކުރުމަށް ވަނީ ކަނޑައަޅުއްވާފަ އެވެ.
ދިވެހިރާއްޖޭގެ ޑިޖިޓަލް ވަސީލަތްތައް ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށްގެން ބޭއްވުނު ’ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް‘ ގައި ގިނަ މުހިންމު ނިންމުންތަކެއް ވަނ ނިންމައިފަ އެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދެވުނު މި ސަމިޓަކީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި ޚިދުމަތުގެ ނިޒާމު ހަރުދަނާކުރުމަށް ބޭއްވުނު ސަމިޓެކެވެ. މި ސަމިޓުގައި އެންމެ އިސްކަމެއް ދެވުނު ކަންތައްތަކުގެ ތެރޭގައި ސައިބަރ ސެކިއުރިޓީ ހަރުދަނާކުރުމާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ޑިޖިޓަލް އައިޑީގެ ނިޒާމެއް ޤާއިމުކުރުން ހިމެނެ އެވެ. މީގެ އިތުރުން، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ޒާތީ މަޢުލޫމާތާއި ޑޭޓާ ބަދަލުކުރެވޭނެ ރައްކާތެރި ނިޒާމެއް ޤާއިމުކުރުމަށްވެސް ވަނީ އެއްބަސްވެފަ އެވެ.
ސަމިޓުގައި އެއްބަސްވެވުނު އެހެނިހެން މުހިންމު ކަންތައްތަކުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުގެ ހައްސާސް މަޢުލޫމާތުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ސޮވަރިން ކްލައުޑެއް ޤާއިމުކުރުމާއި، ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލްކޮށް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް މަގުފަހިކުރުން ހިމެނެ އެވެ. މުސްތަޤުބަލަށް ވިސްނައި، ޑިޖިޓަލް ދާއިރާއިން ޤާބިލު ޖީލެއް ބިނާކުރުމަށާއި، އައި.ސީ.ޓީ ސެކްޓަރގައި ދިވެހިންނާއި ދިވެހި ވިޔަފާރިތަކަށް އޮތް ފުރުސަތުތައް ފުޅާކުރުމަށްވެސް މި ސަމިޓުގައި ޚާއްޞަ އަހައްމިއްޔަތުކަމެއް ދީފައިވެ އެވެ.
ރީޖަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން މޯލްޑިވްސް 2.0
