ރާއްޖޭގައި ވަރަށް ފޯރީގައި ކުޅެމުން އައި ’ވާދެމުން‘ ކުޅިވަރު އަނބުރާ ފޯރިގަދަ ކުޅިވަރަކަށްހެދުމަށް މިއަހަރުގެ އަލްހާ އީދުގައި ބޮޑު މުބާރާތެއް ބޭއްވުމަށް ރޮކްޒީ އިން ތައްޔާރުވެއްޖެ އެވެ.
ވާދެމުމަކި އަތޮޅުތަކާއި ރަށްތަކުގެ އިތުރުން އަވަށްތަކުގެ މެދުގައި ވަރަށް ފޯރީގައި މީގެ ކުރިން ކުޅެމުން އައި ކުޅިވަރެކެވެ. ނަމަވެސް މިފަހަކަށް އައިސް މި ކުޅިވަރުގެ ޖޯޝު އަންނަނީ ފަނޑުވަމުންނެވެ.
ވާދެމުމުގެ ފޯރި އަނބުރާ ގެނައުމަށް ރޮކްޒީން ވަނީ ބޮޑު މުބާރާތެއް އިއުލާންކޮށްފަ އެވެ. އަލްހާ އީދުގެ މުނާސަބަތުގައި ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 07 ޖޫން 2025 ގައެވެ. މި މުބާރާތުގައި ރަށްރަށުގެ ނަމުގައިވެސް ބައިވެރިވެވޭނެކަމަށް ރޮކްޒީން ބުނެ އެވެ. ރިކްޒީގެ ރައީސް ފިޝާވިން ބުނީ މިއީ ބައިވެރިވާން ބޭނުންވާ ހުރިހާ ޓީމުތަކަށް ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ.
ރަށުގެ ނަމުގަވެސް ބައިވެރިވެވޭނެ. ކުލަބު ޖަމިއްޔާތަކަށްވެސް. ޖުމްލަކޮށް ހުރިހާ ޓީމްތަކަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވަނީ.
ރޮކްޒީ ވާދެމުން 1446 ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 25 ވަނަ ދުވަހެވެ. ބައިވެރިވާ ކޮންމެ ޓީމަކަށްވެސް 10 ކުޅުންތެރިންނާ 4 އޮފިޝަލުން ހިމެނޭނެ އެވެ.
ރޮކްޒީން ބުނީ މި މުބާރާތުން މޮޅުވަ ޓީމަކަށް 100،000 ރުފިޔާގެ އިނާމެއް ލިބިގެން ދާނެ ކަމަށެވެ. އަދި މިހާ ވަރުގަދަ މުބާރާތެއް ބާއްވަނީ މި މިބާރާތުގެ ފޯރި ގަދަކޮށް މި ކުޅިވަރުގެ ޖޯޝު އަނބުރާ ގެނައުމުގެ އަޒުމުގައިކަމަށް ރޮކްޒީން ބުނެ އެވެ.
މި މުބާރާތުގެ މެޗުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ރެއަކު 08:00 އިން ފެށިގެން 12:00 އަށެވެ. މުބާރަތް އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު 9770107 އާއި ގުޅުއްވުމުން ލިބޭނެކަމަށް ރޮކްޒީން ބުނެ އެވެ.
ފިޝާވިން ވަނީ މި މުބާރާތް ބޭއްވުމަށް ސްޕޯޓްސް މިނިސްޓްރީއާއި އެޗްޑީސީން ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ވާދެމުމަކީ ފޯރި ގަދަ ކުޅިވަރަކަށް އަލުން ހެދުމަށް ސަރުކާރުގެ އެކިއެކި އިދާރާތަކުން ދެއްވަމުންގެންދަވާ އެއްބާރުލުން ފާހަގަކޮށް އެ ފަރާތްތަކަށްވެސް ފިޝާވިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ރޮކްޒީން ވަނީ މި މުބާރާތުގެ ގަވައިދު ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.