ފަނޑިޔާރު އަޒްމިރާލްދާ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ނުކުރަން ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވަކިކުރުމުގެ މައްސަލައިގައި ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުވެ ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭން އެކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އަންނަނީ ދިރާސާ ކުރަމުންނެވެ.

މިއަދު ކުރިއަށް ގެންދިޔަ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރިކް ވިދާޅުވީ ފަނޑިޔާރު އަޒްމިރާލްދާ ކޮމިޓީއަށް ހުށަހެޅުއްވި ޝަކުވާތަކާ ގުޅިގެން ޖޭއެސްސީން ކަންކަން ސާފުކޮށްފައިވާ ކަމަށެވެ. ފަނޑިޔާރު އަޒްމިރާލްދާ ކޮމިޓީއަށް ހުށަހެޅުއްވި ޝަކުވާގައި ބުނެފައިވަނީ މައްސަލަ ބެލުމުގައި ޖޭއެސްސީއިން އިޖުރާއީ ގޯސްތަކެއް ހަދާފައިވާ ހުރިކަމަށެވެ. ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމާފައިވަނީ ފަނޑިޔާރު އަޒްމިރާލްދާ ހުށަހަޅުއްވާފައިވާ ކަންބޮޑުވުންތަކާއި ފަނޑިޔާރު ވަކިކުރުމުގެ މައްސަލަ އެކުއެކީގައި ކުރިއަށް ގެންދިއުމަށެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ މި މައްސަލައިގައި ޖޭއެސްސީ އަދި ފަނޑިޔާރު އަޒްމިރާލްދާ ކޮމިޓީއަށް ހާޒިރު ކުރުމަށް ހުށަހަޅާފަ އެވެ. މި ހުށަހެޅުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ތާއީދުކުރެއްވި އެވެ. މި ހުށަހެޅުން ފާސްކުރުމަށް ފެންނަ ކަމަށް 2 މެންބަރުން ވޯޓުދެއްވިއިރު ހުށަހެޅުން ފާސްކުރުމާ ދެކޮޅަށް 7 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ. އެހެންކަމުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކުރުމަށް ފާސްވެފައެއް ނުވެ އެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، މި މައްސަލައިގައި ޖުޑިޝަރީ ކޮމިޓީން ބަލަންޖެހެނީ ޖޭއެސްސީއިން އިޖުރާއަތު ފުރިހަމަ ކޮށްފައިވޭތޯ ކަމަށެވެ. އަދި ޖޭއެސްސީން މި މައްސަލައިގައި އިޖުރާއަތު ފުރިހަމަ ކޮށްފައިވާ ކަމަށާއި އެހެންކަމުން މި މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވައިގެން ގޮތެއް ނިންމުމަށް ޝާހިދު ހުށަހެޅުއްވި އެވެ. ޝާހިދުގެ ހުށަހެޅުމަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ތާއީދު ކުރައްވާ ވިދާޅުވީ، ޖޭއެސްސީން މި މައްސަލައިގައި ނިންމާފައިވާ ނިންމުމަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި މި މައްސަލައިގައި ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މި ހުށަހެޅުމަށް ވޯޓަށް އަހާފައެއް ނުވެ އެވެ. އޭގެބަދަލުގައި ކޮމިޓީގެ އިއްތިފާގުން ނިންމީ މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމާލުމަށެވެ. އަދި އެހެން ދުވަހަކަށް މި މައްސަލަ އެޖެންޑާ ކޮށްގެން ކުރިއަށް ގެންދިއުމަށެވެ.

ފަނޑިޔާރު އަޒްމިރާލްދާ އަދި މަހާޒް ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވާ މައްސަލައިގައި ޖޭއެސްސީން މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ފަނޑިޔާރު އަޒްމިރާލްދާގެ ފިރިކަލުން ފުލުހުންގެ ހައްޔަރަށް ގެނެސް ބަންދު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އަޒްމިރާލްދާގެ އެދުމުގެމަތިން ފަނޑިޔާރު މަހާޒް ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވާފައިވާކަން ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށެވެ. އެހެންކަމުން ފަނޑިޔާރު މަހާޒް އަދި އަޒްމިރާލްދާ މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމުމަށް މަޖިލީހަށް ފޮނުވާ ކަމަށް ޖޭއެސްސީގެ ސިޓީގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސުޕްރީމް ކޯޓު ޖުޑިޝަރީ ކޮމިޓީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ