ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއިން ހިންގި ޕޯންޒީ ސްކީމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަދި އޭނާގެ ދެ ކޮއްކޮގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދީ ދައުވާ ފޯމު ބާތިލުކޮށްދިނުމަށް ހައިކޯޓުގައި އެދިއްޖެ އެވެ.
މަކަރާ ހީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދާ އެ ފައިސާ ލޯންޑާކޮށްފައިވާ މައްސަލައިގައި 3 ނޮވެންބަރު 2023 ގައި ދައުވާ ކޮށްފައިވަނީ އަލްހާން ފަހުމީ އަދި އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީ އަދި ޝަޒްބާން ފަހުމީގެ މައްޗަށެވެ. މި މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި އަލްހާންގެ ފަރާތުން ވަނީ އެ ތިން ބެއިންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށާއި ދައުވާތައް ބޭރުކުރުމަށް ކްރިމިނަލް ކޯޓުގައި އެދިފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެ ހުށަހެޅުން ބަލައިނުގަތުމަށެވެ.
އަލްހާންގެ ތިން ބެއިންގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު އެ މައްސަލައިގެ އަޑުއެހުމެއް އިއްޔެ ވަނީ ހައިކޯޓުގައި ކުރިއަށް ގެންގޮސްފަ އެވެ. ހައިކޯޓުގެ އަޑުއެހުމުގައި އަލްހާން ފަހުމީ، ސަހުބާން ފަހުމީ އަދި ޝަޒްބާން ފަހުމީގެ ފަރާތުން ވަކީލް ވިދާޅުވީ، ޝަރީއަތުގެ ކުރީގެ ހުށަހެޅުން ކްރިމިނަލް ކޯޓުން ބަލައިނުގަންނަން ނިންމާފައިވަނީ އިޖުރާއަތާ ހިލާފަށް ކަމަށެވެ. މިމައްސަލައިގައި އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައި ނުވާއިރު އަދި ޝަރީއަތް ކުރިއަށްގެންދަންޖެހޭ ޤާނޫނީ ސަބަބެއް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އަށް ދެއްކިފައި ނުވާއިރު ދައުވާ ކުރިއަށް ގެންދަން ނިންމާފައިވަނީ މީގެކުރިން މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ހިލާފަށް ކަމަށް ބުނެފައިވެ އެވެ.
ވަކީލް ވިދާޅުވީ އަލްހާންގެ ފަރާތުން ކްރިމިނަލް ކޯޓުގައި ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުމުގެ ބަހުސް ބިނާވަނީ ކުންފުންޏާއި ގުޅޭގޮތުން ކަމަށެވެ. ކުންފުންޏަކީ ވަކި ޤާނޫނީ ޝަޚުސެއްކަން ފާހަގަކޮށް ވަކީލް ވިދާޅުވީ، ކުންފުނީގެ މައްޗަށް ނުވަތަ ކުންފުނި ހިމެނޭގޮތަށް ދައުވާ ކޮށްފައި ނުވާކަމަށެވެ. މިމައްސަލައިގައި ހިމެނޭ 13 މީހަކާއެކު މުއާމަލާތުކޮށްފައިވަނީ ކިންގްސް ކެޕިޓަލް ހޯލްޑިވްސްއިން ކަމަށްވީއިރު ދައުވާ ކޮށްފައިވަނީ އެ ކުންފުނީގެ ދެ ހިއްސާދާރުން ކަމަށްވާ އަލްހާން އަދި ސަހުބާން ފަހުމީގެ މައްޗަށް ކަމަށާއި ޝަޒްބާން ފަހުމީ އަކީ އެ ކުންފުނީގެ ހިއްސާދާރެއް ނޫންކަމަށެވެ. އަދި ޝަޒްބާންގެ މައްޗަށް މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ އާއިލީ ވިޔަފާރީގެ މަސްލަހަތު އޮތް ކަމަށް ބުނެކަންވެސް ވަކީލް ފާހަގަ ކުރެއްވި އެވެ. ކުންފުންޏާ ބެހޭ ޤާނޫނަށް ހަވާލާދެއްވާ އަލްހާންގެ ވަކީލް ވިދާޅުވީ ކުންފުނީގެ ހިއްސާދާރުންނަށް ޖިނާއީ ދައުވާ ކުރެވޭނެ ގޮތްތަށް ކުންފުންޏާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އަދި ޤާނޫނުލްއުޤޫބާތުގެ 70 ވަނަ މާއްދާގައިވެސް ކުންފުނިން ޖިނާއީ މަސްއޫލިޔަތު އުފުލަންޖެހޭނެގޮތް ފާހަގަކޮށްފައިވާ ކަމަށެވެ. ނަމަވެސް ޕީޖީން މި މައްސަލައިގައި އަމަލުކޮށްފައިވަނީ އެގޮތަށް ނޫން ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން އަލްހާންގެ ވަކީލް ވިދާޅުވީ މި މައްސަލައިގައި ބޭންކް އޮފް މޯލްޑިވްސްއިން ކިންގްސް ކެޕިޓަލް ހޯލްޑިވްސްގެ އެކައުންޓްތައް ފްރީޒް ކޮށްފައިވަނީ ޤާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ނިންމާފައިވާ ކަމަށާއި އެހެންކަމުން މި ކަމުގައި މަކަރާ ހީލަތްނެތްކަން އަދި މިއީ ސައްހަ މުއާމަލާތްތަކެއްކަން އެނގޭ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ހެއްކާ ގަރީނާ އެކަށީގެންވާ ވަރަކަށް ނެތުމުން އަދި ދައުވާ ކުރިއަށްގެންދަންޖެހޭ ސަބަބެއް ނެތުމުން، ކްރިމިނަލް ކޯޓުން ޝަރިއަތުގެ ކުރީގެ ނިންމުމާމެދު ނިންމި ނިންމުން ގޯސްކަމަށް ކަނޑައަޅައިދެއްވާ، މައުޟޫއީގޮތުން މި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދީ ދައުވާ ފޯމު ބާތިލުކޮށްދިނުމަށް އެދިފައިވެ އެވެ.
އަލްހާންގެ ވަކީލުގެ ވާހަކަތަކަށް ރައްދު ދެއްވާ ޕީޖީގެ ވަކީލް ހައިކޯޓުގެ ޝަރީއަތުގައި ވިދާޅުވީ، މިމައްސަލަ މަދަނީ މިންގަނޑުން ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމަކީ އިސްތިއުނާފު ކުރެވޭނޭ ނިންމުމެއް ނޫން ކަމަށެވެ. އެކަމަށް ބާރުދޭ މަތީމަރުހަލާގެ ކޯޓުތަކުގެ ނިންމުން ހުރިކަން ޕީޖީގެ ވަކީލް ފާހަގަ ކުރެއްވި އެވެ. ޕީޖީގެ ވަކީލް ވިދާޅުވީ މި މައްސަލައިގައި ޝަޒްބާންގެ މައްޗަށް ދައުވާކުރާ ސަބަބު ކްރިމިނަލް ކޯޓުގައިވެސް ސާފުކޮށްދީފައިވާނެ ކަމަށާއި އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ، އިންވެސްޓަރުންގެ ފައިސާ ޝަޒްބާންގެ ބޭނުމަށް އަމިއްލަ އެކައުންޓްގައި ދައުރުކޮށްފައިވާތީ ކަމަށެވެ. މި މައްސަލައިގައި ދައުލަތުން އެދިަފއިވަނީ ދަށު ކޯޓުގެ ނިންމުން ބަދަލުކުރާނެތަނެއް ނެތް ކަމަށާއި އަދި ދަށު ކޯޓުގެ ނިންމުމުގައި ޤާނޫނީ ޚިލާފެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.
އިއްޔެގެ އަަޑުއެހުން ނިންމާލައްވަމުން މައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ މި މައްސަލައިގައި ހައިކޯޓުގެ އަޑުއެހުންތައް ނިމުނީކަން އިއުލާނު ކުރައްވާފަ އެވެ. އަދި އިތުރު ކަމެއް ސާފުކުރުމަށް ނެތްނަމަ ދެން އޮންނާނީ ހުކުމް ކުރުމުގެ މަޖިލިސް ކަމަށްވެސް ވިދާޅުވި އެވެ. ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުޒައިފާ މުހައްމަދު, ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން އެވެ.
ދައުވާ ކުރި ސަބަބު:
ޕީޖީން މީގެކުރިން ބުނެފައިވަނީ އަލްހާނު ފަހުމީއާއި، ސަހުބާން ފަހުމީއާއި، ޝަޒްބާން ފަހުމީގެ އާއިލީ ކުންފުންޏެއްކަމަށްވާ ކިންގްސް ކެޕިޓަލް ހޯލްޑިވްސްއިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގގެ އިންވެސްޓްމަންޓްގެ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެކަމަށް ދައްކައިގެން، އާންމު އެކި މީހުން އަތުން އެކި އަދަދުތަކުން ފައިސާ ނެގުމަށްފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީ ފައިސާ ޓަކައިގެންފައިވާތީ އެވެ.
ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްއިން އާންމުކޮށްފައިވާ ސްކީމަށް އެކި މީހުން 98 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށް ޕީޖީން މައުލޫމާތުދެ އެވެ. މި މައްސަލައިގައި ދައުވާކޮށްފައިމިވަނީ އޭގެ ތެރެއިން 13 މީހުންގެ ބައިގަ އެވެ. އިތުރު މައްސަލަތައް ފުލުހުން ތަހުގީގު ކުރާކަން އޭރު ހާމަކޮށްފައިވެ އެވެ.
