ސަރުކާރުން ޓެކްސީލައިނެއް އުފެއްދުމަކީ މިހާރު ޓެކްސީ ކުރާ ފަރާތްތަކަށް ގެއްލުމެއްވާނެ ކަމެއް ނޫން ކަމަށާއި ސަރުކާރުން ބޭނުންވަނީ ޓެކްސީ ހިދުމަތް ސްޓޭންޑަޑައިޒް ކުރުމަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުން ފެށުމަށް ނިންމާފައިވާ ޓެކްސީ ހިދުމަތާއި ގުޅޭގޮތުން މެންބަރުން ވަނީ މިނިސްޓަރު އަމީނަށް ގިނަ ސުވާލުތަކެއް ކުރައްވާފަ އެވެ.
އެގޮތުން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ސަރުކާރުން އެމްޓީސީސީ މެދުވެރިކޮށް ޓެކްސީލައިނެއް ފެށިނަމަވެސް ޓެކްސީގެ ގަވައިދުތަކާ އެއްގޮތަށް އަމިއްލަ ފަރާތްތަކަށް ޓެކްސީ ކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ. އެމްޓީސީސީ މެދުވެރިކޮށް ފަށާ ޓެކްސީލައިންގައި ފުލްޓައިމްކޮށް އަދި ޕާޓްޓައިމްކޮށްވެސް ޑްރައިވަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެކަން މިނިސްޓަރު އަމީން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ސަރުކާރުގެ ޓެކްސި ހިދުމަތުގެ ސަބަބުން، ޓެކްސީ ކުރާ ފަރާތްތަކަށް ގެއްލުންވާނޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.
ޓެކްސީ ހިންގުމުގެ ގަވައިދުތަކެއް ހެދިފައިއޮންނަތާ ދުވަސްތަކެއް ވެފައިވާކަން ފާހަގަކޮށް މިނިސްޓަރު އަމީން ވިދާޅުވީ ގަވައިދުގައި ޓެކްސީގައި ހުންނަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ބައެއް ކަންކަން ކުރެވިފައި ނުވާ ކަމަށެވެ.
”މި ޑިސިޕްލިން ގެނެވިފައެއް ނެތް. މި ޑިސިޕްލިން ގެނައުމަށްޓަކައި އަޅުގަނޑުމެން މިސާލު ދައްކަން އެބަޖެހޭ. އެހެންމަ ސަރުކާރުގެ ކޮންޓްރޯލް އޮންނަ ޓެކްސީލައިންގެ ތެރެއިން ޑިސިޕްލިން ދައްކައިދެވިއްޖެ ކަމަށްވާނަމަ ދެން އަމިއްލައަށް ޓެކްސީ ހިދުމަތް ދެއްވާ ފަރާތްތަކުންވެސް އެކަންކުރާނެކަން އެއީ އެހެން ގައުމުތަކުންވެސް ފެންނަން ހުރި ހަގީގަތްތައް.“ މިނިސްޓަރު އަމީން ވިދާޅުވި އެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ޓެކްސީ ހިދުމަތް ސްޓޭންޑަޑައިޒް ކުރެވި ޑިސިޕްލިން ކުރަންޖެހޭ ކަމަށެވެ.
ސަރުކާރުން ބޭނުންވަނީ އަމިއްލަ ފަރާތްތަކުންދެމުންދާ ޓެކްސީގެ ހިދުމަތްތަކަށް ހުރަސްއަޅަން ނޫންކަން ފާހަގަކުރައްވާ މިނިސްޓަރު އަމީން ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ޓެކްސީ ހިދުމަތް ސްޓޭންޑަޑައިޒްކުރަން ކަމަށެވެ. އަދި ޓެކްސީގެ ހިދުމަތްދޭ ފަރާތްތަކާއި އެކި ފަހަރުމަތިން ކުރިއަށްގެންދެވުނު ވާހަކަތަކުގައި އެކަން ތެދުބަހުން ފާހަގަކޮށްފައިވާނެ ކަމަށެވެ.
ސަރުކާރުން މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. ސަރުކާރުގެ ޓެކްސީ ހިދުމަތަށް ބޭނުންކުރާނީ ތިމާވެއްޓާ ރައްޓެހި ޓެކްސީތކެއް ކަމަށް މީގެކުރިން ހާމަކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް މިނިސްޓަރު މުހައްމަދު އަމީން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޓެކްސީ ހިދުމަތް