ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ވަކިކުރުމުގެ މައްސަލައިގައި ލިޔުންތައް ދިރާސާ ކުރުމަށް އަދި ފަނޑިޔާރުން ކޮމިޓީއަށް ހާޒިރު ކުރުމާމެދު ފަހުން ގޮތެއް ނިންމުމަށް ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ އަދި ފަނޑިޔާރު މަހާޒް ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވާ މައްސަލައިގައި ޖޭއެސްސީން ފޮނުވާފައިވާ ސިޓީ މަޖިލީހުގެ ތަޅުމުގައި އިއްވާފަ އެވެ. އަދި ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް މިއަދު ވަނީ ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
މި މައްސަލައިގައި މިއަދު ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައިވާއިރު މެންބަރުން ނިންމާފައިވަނީ މިއަދުން މިއަދަށް މައްސަލަ ނިންމުމުގެ ބަދަލުގައި ހުށަހަޅާފައިވާ ލިޔެކިޔުންތައް ރަނގަޅަށް ދިރާސާ ކުރުމަށެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ މި މައްސަލަ ދިރާސާ ކުރާއިރު ދެ ފަނޑިޔާރުންނާއި ޖޭއެސްސީގެ ތަހުގީގު ކޮމިޓީގައި ހިމެނޭ ބޭފުޅުން ހާޒިރު ކުރުމަށް މިއަދު ފާސްކުރުމަށް ހުށަހަޅާފަ އެވެ. ނަމަވެސް ކޮމިޓީން ފާސްކޮށްފައިވަނީ ޕީއެންސީއަށް ނިސްބަތްވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދުގެ ހުށަހެޅުއްވި ގޮތަށް، ފުރަތަމަ ލިޔެކިޔުންތައް ދިރާސާ ކުރުމަށްފަހު ބަޔަކު ހާޒިރު ކުރަންޖެހޭނަމަ އެކަމާމެދު ކޮމިޓީން ފަހުން ގޮތެއް ނިންމެވުމަށެވެ.
ދެ ފަނޑިޔާރުންގެ މައްސަލައިގައި ޖޭއެސްސީން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ފަނޑިޔާރު އަޒްމިރާލްދާގެ ފިރިކަލުން ފުލުހުންގެ ހައްޔަރަށް ގެނެސް ބަންދު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އަޒްމިރާލްދާގެ އެދުމުގެމަތިން ފަނޑިޔާރު މަހާޒް ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވާފައިވާކަން ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށެވެ. އެހެންކަމުން ފަނޑިޔާރު މަހާޒް އަދި އަޒްމިރާލްދާ މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމުމަށް މަޖިލީހަށް ފޮނުވާ ކަމަށް ޖޭއެސްސީގެ ސިޓީގައި ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް މަހާޒް އަލީ ޒާހިރު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ޖުޑިޝަރީ ކޮމިޓީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)
