ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑްގެ ސިފައިންނާއި ދިވެހި އަސްކަރިއްޔާއިން ގުޅިގެން ބާއްވާ ފަރިތަކުރުން ”ބްލެކް މާލިން“ ގެ 5 ވަނަ އެޑިޝަން މިއަދު ފަށައިފި އެވެ.
މި ފަރިތަކުރުންތައް ފެށުމުގެ ގޮތުން ބަންޑާރަކޮށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް މެރިން ކޯގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް ޢަބްދުﷲ ޒުހުރީ އެވެ.
އާދިއްތަ ދުވަހުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ތާވަލުކޮށްފައިވާ އަސްކަރީ ފަރިތަކުރުންތަކުގައި ފަސް އެސްއެމްއީއީ ޕްރޮގްރާމް (ސަބްޖެކްޓް މެޓާ އެކްސްޕާޓް އެކްސްޗޭންޖް ޕްރޮގްރާމް) ކުރިއަށް ގެންދިއުމަށް ވަނީ ހަަމަޖެހިފަ އެވެ.
އޭގެ ތެރޭގައި އިންޓެލިޖެންސް، ލޮޖިސްޓިކް، މެޑިކަލް، އީއޯޑީ އަދި އިންފެންޓްރީއާ ގުޅުންހުރި އެސްއެމްއީއީ ކުރިއަށްގެންދަން ވަނީ ނިންމާފަ އެވެ.
މި ފަރިތަކުރުންތައް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމެރިކާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިއުގޯ ޔޮންއާގެ އިތުރުން ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑުގެ އެޖުޓަންޓް ޖެނެރަލް، މޭޖާ ޖެނެރަލް ޕީޓާ ރޮނެކް އަދި އެމްއެންޑީއެފްގެ ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގެ ޑައިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޙަސަން ޝާހިދުގެ އިތުރުން ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
