ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ފުވައްމުލައް ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެން ދޫކުރަން ފަށާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މައްސަލަ ދިމާވީ ފުވައްމުލައް ސިޓީގެ ވޯޓަރ ސަޕްލައިއަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި އެކަން ޙައްލުކޮށް، ސިޓީއަށް މިވަގުތު ބޭނުންވާ ފެން ފޯރުކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން ބުރަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ހީނާ ވިދާޅުވި އެވެ.
މި މައްސަލަ ކުރިމަތިވުމާއެކު ފުވައްމުލަކުގެ ރައްޔިތުންނަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ސިފައިން ފަށާފައިވާކަމަށް ހީނާގެ ޕޯސްޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ސިފައިންގެ އެހީތެރިކަމާއެކު މިހާތަނަށް ގިނަ އަދަދެއްގެ ބޯފެން ވަނީ ފުވައްމުލަކަށް ގެންގޮސްފަ އެވެ. ވައިގެ މަގުން އެކަނިވެސް 5 ލިޓަރުގެ 500 ކޭސް ފެނާއި، 1.5 ލިޓަރުގެ 1300 ކޭސް ފެނާއި، 500 މިލިލިޓަރުގެ 1000 ކޭސް ފެން އެ ސިޓީއަށް ފޯރުކޮށްދީފައިވާކަމަށް ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވީ ފުވައްމުލަކަށް ގެންދިޔަ ބޯފެނުގެ ތެރެއިން މިހާތަނަށް 1200 ކޭސް ފެން ރައްޔިތުންނަށް ފޯރުކޮށްދެވިފައިވާއިރު، އިތުރު ބޯފެން މިހާރު ވެސް ފުވައްމުލަކު ސިޓީއަށް ގެންދަމުންދާކަމަށެވެ.
ފުވައްމުލައް ސިޓީގެ ފެން ތަޣައްޔަރުވުމާ ގުޅިގެން ފެނަކައިގެ ފަރާތުން އެމްއެފްޑީއޭއާއި އެޗްޕީއޭގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ކަނޑައެޅިފައިވާ ސްޓެންޑަޑާ އެއްގޮތްވާ ގޮތުގެ މަތިން ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ހީނާ ވިދާޅުވި އެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު ވިދާޅުވީ، ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ފުވައްމުލައް ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެން ދޫކުރަން ފަށާނެ ކަމަށެވެ. ފުވައްމުލައް ސިޓީއަށް މިވަގުތު ދިމާވެފައިވާ ފެނުގެ މައްސަލަ ވީހާވެސް އަވަހަށް ޙައްލުކުރުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުން ކަމަށް ހީނާ ވިދާޅުވި އެވެ.
