މާލޭގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން، ހުއްދަ ހޯދުމަކާ ނުލައި އެއްވެވޭނެ އިތުރު ތިން ސަރަހައްދެއް ހޯމް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ހޯމް މިނިސްޓްރީން ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުން، މިހާރު އިތުރަށް ކަނޑައަޅާފައިވާ ސަރަހައްދުތަކަކީ އުސްފަސްގަނޑު ސަރަހައްދާއި، ރަސްފަންނު ސަރަހައްދާއި، މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދު) އެވެ.
މީގެ ކުރިން ހުއްދަ ނުހޯދާ އެއްވެވޭގޮތަށް އޮތީ ހެންވޭރު ކާނިވާ ސަރަހައްދު އެކަނި އެވެ.
ހޯމް މިނިސްޓްރީން ބުނި ގޮތުގައި މި ނިންމުމަކީ ޤާނޫނު ނަންބަރު 2013/1 (ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގެ (ޅ) ގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. މި ސަރަހައްދުތަކުގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ލިޔުމުން ދޭ ހުއްދައެއް ހޯދާކަށް ނުޖެހޭނެއެވެ.
ނަމަވެސް، މާލެ އެހެން ސަރަހައްދަކަށް އެއްވާނަމަ ޤާނޫނު ބުނާގޮތުން ކުރީބައިގަ ލިޔުމުން ހުއްދަ ހޯދަންޖެހޭނެ އެވެ.
މާލޭގައި އެއްވުމަށް އިތުރަށް ފުރުސަތު ލިބޭގޮތަށް ޤާނޫނުގެ ދަށުން އިތުރު ލުއިތައް ދިންއިރު ޒުވާނުން އަންނަނީ މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. މި މުޒާހަރާ ކުރަމުން އަންނަނީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ 21 އަހަރުގެ ޔުމްނު ރަޝީދު ގެއެއްގެ މަތިން ވެއްޓި އަނިޔާވި ހާދިސާއާ ގުޅިގެން ފުލުހުން އަމަލުކުރި ގޮތާ މެދު ހިތްހަމަ ނުޖެހިގެންނެވެ.
މިހާތަނަށް 11 ރެއަށް މުޒާހަރާ ކުރިއަށް ގެންގޮސްފައިވާއިރު، ކޮންމެ ރެއަކު ވެސް ދަންވަރު 12 ޖެހުމުން މުޒާހަރާ ހުއްޓާލަމުން އައެވެ.
މި މުޒާހަރާތަކުގެ ތެރެއިން ރޭގެ އެއްވުމުގައި ޒުވާނުންނާއި ފުލުހުންނާއި ދެމެދު ހަމަނުޖެހުންތަކެއް ހިނގާ، ދެ ޒުވާނަކު ވަނީ ހައްޔަރުވެސްކޮށްފަ އެވެ.



