ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ ދިވެހި ފުލުހުންގެ ޚިދުމަތުން ޖާގައެއް ނޯންނާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިހުސާން މިފަދައިން ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރިއަށްގެންދާ ލޯކަލް ޕޮލިސިންގ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ފުލުހުންގެ ޚިދުމަތަކީ، ވަރަށް ޒިންމާދާރު ކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތެކެވެ. އެ މަގުސަދަށް މަސައްކަތް ނުކުރާ ފަރާތްތަކަށް ފުލުހުންގެ ޚިދުމަތުގައި ޖާގައެއް ނޯންނާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ދިވެހި ފުލުހުންގެ މުއައްސަސާއަކީ ވަރަށް ޒަމާންވި މުއައްސަސާއެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ޒަމާނީ ބަދަލުތައް އަންނަން ފެށިތާވެސް ގާތްގަނޑަކަށް ވިއްސަކަށް އަހަރު ވެއްޖެ ކަމަށެވެ. އެހެންނަމަވެސް އެ ބަދަލުތަކަށް ވުރެ އަވަހަށް ރާއްޖޭގެ ޤާނޫނުތަކަށާއި ރައްޔިތުންގެ އުންމީދުތަކަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އަޅުގަނޑުމެންގެ ކްރައިމް އެންވަޔަރަމަންޓަށް އައިސްފަ އޮތް ބަދަލުތައްވެސް ވަރަށް ތަފާތު. މިހާރުގެ ޤާނޫނު ބުނާ ގޮތުން ކޮންމެ ސަރުކާރެއްގަވެސް ސްޓްރެޓެޖީކް ޕޮލިސިންގ ރިކުއަރމެންޓެއް އޮންނާނެ. އެ ޕޮލިސިންގ ރިކުއަރމެންޓާއި އެއްވަރަށް ފުލުހުންނަށް މަސައްކަތް ކުރަމުން ދެވޭތޯ ނުވަތަ ނުކުރެވޭތޯ އަޅުގަނޑުމެން މިބެލީ. ބެލިއިރުގަ ފުލުހުންގެ މަސައްކަތެއް ސަރުކާރުން އަދި ފުލުހުން ގަބޫލުކުރާ ފެންވަރަށް އަދި ކުރިއަށް ނުގެންދެވޭ.
މިނިސްޓަރު އިހުސާން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ފުލުހުންގެ މުއައްސަސާއަށް ގެންނަންޖެހޭ މުހިއްމު ބަދަލުތަކެއް ފާހަގަކުރައްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ ތަހުގީގުތައް އަވަސްވެ، މަގުމަތީގައި ފުލުހުންގެ ޕްރެސެންސް ގިނަވާންޖެހޭނެ ކަމަށެވެ. އަދި ފުލުހުންގެ އެންގޭޖްމަންޓް އިތުރުކޮށް، ޖަވާބުދާރީވުން މިހާރަށް ވުރެ ރަނގަޅުވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ތަހުގީގުތައް އަވަސްވާންޖެހޭނެ. މަގުމަތީގަ ފުލުހުންގެ ޕްރެސެންސް ގިނަވާންޖެހޭނެ. ފުލުހުންގެ އެންގޭޖްމަންޓް މިހާރަށް ވުރެ ގިނަވާން ޖެހޭނެ. ޖަވާބުދާރީވުންތައް މިހާރަށް ވުރެ ރަނގަޅުވާނެ ޖެހޭނެ. މަގުމަތިން މިފެންނަ ކްރައިމްތައް މަދު ކަމުގެ އިހުސާސް ރައްޔިތުންނަށް ވާންޖެހޭނެ. އިދާރީ ބައިތައް މަދުވާން ޖެހޭނެ. މިއީ އަޅުގަނޑުމެންނަށް ފެންނާނެ ކަންކަމަކީ މުސްތަގުބަލުގަ.
މި ކޮންފަރެންސް ކުރިއަށް ގެންދަނީ ޕެރަޑައިސް އައިލެންޑް ރިސޯޓްގަ އެވެ. ލޯކަލް ޕޮލިސިންގ ކޮންފަރެންސްގެ މަޤްޞަދަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ޕްލޭނެއް ތައްޔާރުކުރުމެވެ. މި ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުރިހާ ބަހާއެއް ހިމެނޭގޮތަށް ޖުމްލަ 170 ބައިވެރިން ބައިވެރިވެ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ދިވެހި ފުލުހުންގެ ޚިދުމަތް



