ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް އަވަހަށް ޖަވާބުދާރީވުމަށްޓަކައި ޕޯޓަލްއަކާއި ކޯލް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫގު ހުށަހެޅުއްވި ސުވާލަކަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ލިޔުމުން ދެއްވި ޖަވާބުގަ އެވެ.
މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެފައިވަނީ، ކުރިން ދަރިވަރުންގެ އީމެއިލްތަކަށް ގިނަވެގެން 7 ދުވަހުގެ ތެރޭގައި ޖަވާބުދާރީވުމަށް މަސައްކަތްކުރަމުން ދިޔަ ނަމަވެސް، މިހާރު އެ މުއްދަތު 3 ދުވަހަށް ކުރުކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު ހައިދަރު އިތުރަށް ވިދާޅުވެފައިވަނީ، ދަރިވަރުންގެ މަޢުލޫމާތު ބަލަހައްޓާ ޕޯޓަލްއެއް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ޕޯޓަލްގައި ހުރިހާ މަޢުލޫމާތެއް ބެލެހެއްޓޭނެ ކަމަށެވެ. މީގެ އިތުރުން، މިނިސްޓްރީގައި ކޯލް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓްރީގެ ސްކޮލަޝިޕް ސެކްޝަނަށާއި ލޯނު ސެކްޝަނަށާއި ހިލޭ ޑިގްރީ ސްކީމްގެ ފައިސާއާ ގުޅޭ ސެކްޝަންތަކަށް ދުވާލަކު 600 އަށްވުރެ ގިނަ އީމެއިލް ސިޓީ ލިބޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މި ސްކީމްތަކުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އިތުރުވުމާ ގުޅިގެން ލިބޭ އިންކުއަރީތައްވެސް އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ހައިދަރު އިތުރަށް ވިދާޅުވެފައިވަނީ، ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހަކީ ސްޓޫޑެންޓް ލޯނަށް ހޮވޭ ދަރިވަރުން ފައިސާއަށް އެދި ފޯމު ހުށަހަޅާ މަސް ކަމުން، އެ ދުވަސްވަރު މިނިސްޓްރީގެ މަސައްކަތްތައް ވަރަށް ބުރަވާނެ ކަމަށެވެ. މި މަސައްކަތްތައް އަވަސްކުރުމަށް ސަރުކާރުގެ އެހެން އޮފީސްތަކުގެ މުވައްޒަފުންނާއި އިންޓާނުންގެ އެހީތެރިކަން ހޯދާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލިސް އަހުމަދު އަޒާން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް