ހައުސިން ޔުނިޓް ދޫކުރުމަށް ތިނަދޫ ކައުންސިލުން އިއުލާންކުރީ ހުއްދަނެތި، ބަލައެއް ނުގަންނާނަން: ކޮންސްޓްރަކްޝަން މިނިސްޓްރީ

Advertisement

އެންމެ ފަސް

Advertisement

ތިނަދޫ ސިޓީގައި އިމާރާތްކުރަމުންދާ 200 ހައުސިންގ ޔުނިޓް ދޫކުރުމަށް ތިނަދޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނަކީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ހުއްދަ އަދި އެންޑޯޒްމަންޓް ނެތި ކޮށްފައިވާ އިޢުލާނެއްކަމަށް އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފި އެވެ.

މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ އެންމެ އިސް ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކޮންމެ ރައްޔިތަކަށް އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހައުސިންގ ޔުނިޓްތައް އިމާރާތްކޮށް، އެ ޔުނިޓްތައް ހަވާލުކުރުމަށް އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތް އެ މިނިސްޓްރީން ދަނީ ކުރަމުންނެވެ.

ތިނަދޫ ސިޓީގައި ސަރުކާރުން އިމާރާތްކުރަމުންދާ 200 ހައުސިންގ ޔުނިޓްގެ މަޝްރޫޢަކީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށްދާ މަޝްރޫޢެއް ކަމަށާއި، މިފަދަ ހައުސިންގ ޔުނިޓްތައް ދޫކުރުމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅަންޖެހެނީ މިނިސްޓްރީގެ އެންޑޯޒްމަންޓާއެކު ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ނަމަވެސް، 29 ޖެނުއަރީ 2025 ގައި ތިނަދޫ ސިޓީ ކައުންސިލުން ވަނީ މިނިސްޓްރީގެ ހުއްދަނެތި ހައުސިންގ ޔުނިޓް ދޫކުރުމަށް އިޢުލާންކޮށްފަ އެވެ. މިކަމާ ގުޅިގެން، އެ އިޢުލާން ބާޠިލުކުރުމަށް މިނިސްޓްރީން ވަނީ 30 ޖެނުއަރީ 2025 ގައި ތިނަދޫ ސިޓީ ކައުންސިލަށް އަންގާފަ އެވެ.

މީގެއިތުރުން، ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތައް ކަނޑައެޅުމަށްޓަކައި ބޭނުންވާ އުސޫލު އެކުލަވާލުމަށްފަހު، އެންޑޯޒްކުރުމަށް މިނިސްޓްރީއަށް ހުށަހެޅުމަށްވެސް ވަނީ ތިނަދޫ ސިޓީ ކައުންސިލަށް އަންގާފަ އެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ތިނަދޫ ސިޓީ ކައުންސިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ