ކުޑަގިރީގައި ކެފޭއެއް ހިންގާނެ ބަޔަކު ހޯދަން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

މާލެ ސަރަހައްދުގައި ހަދާފައިވާ ޕިކްނިކް އައިލެންޑު – ކުޑަގިރި ޕިކްނިކް އައިލެންޑުގައި ކެފޭއެއް ހިންގައިދޭނެ ބަޔަކު ހޯދަން ފަށައިފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ވަނީ ކުޑަގިރީގައި ކެފޭއެއް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ. އެޗްޑީސީން ބުނީ މި ކެފޭއަކީ 1،541.71 އަކަފޫޓުގެ ބިމެއްގައި ހަދާފައިވާ ކެފޭއެއް ކަމަށެވެ. އަދި އެ ޔުނިޓު ކުއްޔަށް ދޭނީ ފުރަތަމަ އަހަރު އަކަފޫޓަކަށް 15 ރުފިޔާގެ ރޭޓުންކަމަށް އެޗްޑީސީން ބުނެ އެވެ.

މީގެ އިތުރުން އެ ކެފޭއަށް ކުރަންޖެހޭ ހަރަދުތަކުގެ އަންދާޒާއެއްވެސް އެޗްޑީސީން ވަނީކޮށްފަ އެވެ. އެގޮތުން އެޗްޑީސީން ބުނީ މި ކެފޭއަށް އިންވެސްޓްމެންޓް ކޮސްޓަކަށް ދާނެކަމަށް ލަފާ ކުރެވެނީ 308،342 ރުފިޔާކަމަށެވެ.

ކެފޭ ހިންގުމަށް މި ޔުނިޓް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ 5 އަހަރުގެ މުއްދަތަކަށެވެ.

އެޗްޑީސީން ވަނީ ކެފޭ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑު ކުރުމަށް ފުރުސަތު ހުޅުވާލާފަ އެވެ. އެގޮތުން ބިޑުގެ ޕްރީ ޕްރޮޕޯސަލް މީޓިންއެއް މިމަހުގެ 17 ގައި ޒޫމް މެދުވެރިކޮށް ބޭއްވުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ. ޕްރޮޕޯސަލް ހުށަހަޅާނީ މޭ 13 ވަނަ ދުވަހުގެ 13:00 އިން ފެށީގެން 14:00 އާ ދޭތެރޭގައިކަމަށް އެޗްޑީސީން ބުނެ އެވެ. އަދި ޕްރޮޕޯސަލްތައް ހުޅުވާނީ ހަމަ މޭ 13 ގެ 14:00 ގައިކަމަށްވެސް ބުނެފައިވެ އެވެ.

ކުޑަގިރި ބޭނުންކުރަން ފެށި ފަހުން މިދިޔަ ދެ އަހަރުގެ ތެރޭގައި 54،724 މީހުން ކުޑަގިރިއަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. އެޗްޑީސީން ހާމަކުރި ގޮތުގައި ކުޑަގިރިން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު 70 ޕަސެންޓަށްވުރެ ގިނަ ކަސްޓަމަރުން ހިތްހަމަޖެހެ އެވެ.

ކުޑަގިރީގައި ހުރި ވަސީލަތްތަކުގެ ތެރޭގައި ހަތް ބީޗާއެކު 13 ހަޓު، މޫދު ކުޅިވަރަށް ޚާއްސަ ވަސީލަތްތައް، މިސްކިތެއް، ކްލިނިކެއް، ފިހާރައެއް، ޕްރައިވެޓް ރޫމްތަކާއި ޗޭންޖިންގ ރޫމްތައް، އަދި ފާޚާނާތައް ހިމެނެ އެވެ. މާލެއިން ކުޑަގިރިއަށް ދަތުރުކުރެވެނީ ދޯނި ފެރީގައި ގާތްގަނޑަކަށް ގަޑިއެއްހާއިރުންނެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް ފުރަތަމަ ހުޅުވުނީ 11 ފެބްރުއަރީ 2023 ގައެވެ. މި ރަށަކީ މާލެއާ ކައިރި ފަޅެއް ހިއްކައިގެން ހަދާފައިވާ ރަށެކެވެ. މި ރަށް ތަރައްޤީކޮށްފައިވަނީ ދުވާލަކު 500-600 މީހުންނަށް ޚިދުމަތް ދެވޭނެ ގޮތަށެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ކުޑަގިރި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ