ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމުގެ ފުރުސަތުދީ ޖިނާއީ މައްސަލައެއް ކާމިޔާބު ކޮށްފި އެވެ.
ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމުގެ ފުރުސަތު ދީފައިވަނީ، އުމުރުން 8 އަހަރުން ފެށިގެން 18 އަހަރާއި ހަމައަށް ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދައުވާއެއްގަ އެވެ.
މި މައްސަލައިގައި ދައުވާކުރި މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، 54 އަހަރަށް ޖަލަށްލުމަށް އިއްޔެ ވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފަ އެވެ.
ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓަކީ، ކުށެއްގައި އަނިޔާ ލިބުނުފަރާތަށް އެ ކުށުގެ ސަބަބުން ތަހައްމަލު ކުރަންޖެހުނު ނަފްސާނީ، ޖިސްމާނީ އަނިޔާއާއި، މައްސަލައިގެ ހާދިސާގެ ސަބަބުން ދިރިއުޅުމަށް ކުރި އަސަރު ކޯޓުގައި ބަޔާންކޮށް އަނިޔާލިބުނު ފަރާތުން ކޯޓުގައި ހުށަހަޅާ ބަޔާނެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ، މި މައްސަލާގައި އަނިޔާ ލިބުނު ކުއްޖާ ޕީޖީ އޮފީސް މެދުވެރިކޮށް ކޯޓަށް ބަޔާނެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ހާދިސާގެ ސަބަބުން ކުއްޖާގެ ދިރިއުޅުމަށް ކުރި އަސަރު ބަޔާންކޮށްދީފައިވާ ކަމަށެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ، މި ބަޔާން ކޯޓުގައި އިއްވަވައިދެއްވާފައިވަނީ ޕަބްލިކް ޕްރޮސިކިއުޓާ އަލްމާސް މުބާރިކު ކަމަށެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ، ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމަކީ މައްސަލައިގައި އަނިޔާލިބުނު ފަރާތް ބާރުވެރިކޮށް، ތަސައްލީ ހޯދައިދިނުމަށްޓަކައި އެހެން ޤައުމުތަކުގައިވެސް އަމަލުކުރާ އުސޫލެއް ކަމަށެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)


