މާލޭގެ ޓްރެފިކް އެންމެ ބާރުބޮޑު އެއް ސަރަހައްދު ކަމަށްވާ ބާޒާރުމަތީ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމުގެ މަސައްކަތް މި އަންނަ ރޯދަ މަހަށް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި، ރައްޔިތުން މާލޭގެ މަގުތަކުގެ ހާލަތު ފާހަގަކުރުމާ ގުޅިގެންނެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ މުޅި މާލޭގެ މަގުތަކާއި ގޯޅިތައް، ހުޅުމާލެ އާއި ވިލިމާލެ ހިމެނޭހެން ރަނގަޅު ފެންވަރަކަށް ހެދުމަކީ މަގުތަކުގައި ހިނގާ ބިނގާވެ އުޅުމަށާއި އުޅަދުފަހަރު ދުއްވުމަށް ފަސޭހަ ކުރުމަށް ދާއިމީ ހައްލު ގެނައުމަށް ކުރާ މަސައްކަތުގެ އެއްބައި ކަމަށެވެ. މި މަސައްކަތަށް ބޭނުންވާ ފައިސާ ޗައިނާގެ ހިލޭ އެހީގެ ދަށުން ހަމަޖެހިފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. ނަމަވެސް ބޭރުގެ ހިލޭ އެހީގެ ދަށުން ކުރާ މަސައްކަތަކަށް ވުމުން ފުރިހަމަ ކުރަން ޖެހޭ މަރުހަލާތަކެއް ހުރުމުގެ ސަބަބުން ލަސްތަކެއް އުޅޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރު މި މަސައްކަތް ޑިޒައިން ސްޓޭޖަށް ގޮސްފައިވާ ކަމަށާއި، ދެން ދާނީ ޓެންޑާ ކޮށްގެން ބަޔަކު ހޯދުމުގެ މަރުހަލާއަށް ކަމަށެވެ. މި މަރުހަލާތައް ފުރިހަމަ ކުރުމަށް ވަގުތު ނަގާކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ މަގުތަކުގައި ހިނގާ ބިނގާވެ އުޅުމަށް ފަސޭހަ ކުރުމަށް މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ބާޒާރުމަތީ ތޮއްޖެހުން ކުޑަ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި މަސައްކަތަކީ ބާޒާރުމަތީ މަގު ފުޅާކޮށް ދެކޮޅަށް ދުއްވޭ ދެ ލޭނު އޮންނަ ގޮތަށް ފުޅާ ކުރުމަށް ކުރާ މަސައްކަތެކެވެ. ރައީސް ވިދާޅުވީ އެމްޕީއެލް ސަރަހައްދުން ފެށިގެން މަސްމާރުކޭޓާ ހަމައަށް ނުވަތަ އެއަށް ވުރެ އެކޮޅަށް އިއްޒުއްދީން ފާލަމާ އެމްއެމްއޭ ދޭތެރެ މިހާރު ވެސް ވަރަށް ފުޅާވެފައިވާ ކަމަށާއި، އެ މަސައްކަތް ކުރެވުމުން ބާޒާރު މައްޗަށް ވެސް ލުއިތަކެއް އަންނާނެ ކަމަށެވެ. އަދި މި މަސައްކަތް ރޯދަމަސް ނިމެންވާއިރަށް ނިމޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ފުރަތަމަ ސެގްމެންޓް (ލޯކަލް މާރުކޭޓް ސަރަހައްދުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލް އާ ހަމައަށް) ވަނީ ތާރުއަޅާފަ އެވެ. އެ ސަރަހައްދު މިއަދު ވަނީ ހުޅުވާލާފައެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޖުމްލަ 5 ސެގްމެންޓަކަށް ބަހާލައިގެންނެވެ. މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގައިތަރައްގީ ކުރުމަށް ހަމަޖެހިފަައިވަނީ ބޮޑުތަކުރު ފާނު މަގުގެ ދެކުނު ފަރާތުން މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)



