މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ވަނީ ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ. މި އިސްލާހު ތަސްދީގު ކުރުމުން ރާއްޖޭގައި ޑްރަގް ޓްރެފިކް ކުރާ މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވޭނެ އެވެ. އުމުރު ދުވަހަށް ޖަލަށްލުން ކަމަށް މީގެކުރިން ބަލާ 25 އަހަރުގެ ބަދަލުގައި އެމީހެއްގެ އުމުރު ހުސްވަންދެން ޖަލުގެ ތޭރިތަކުގެ ފަހަތަށް އެމީހަކު ދާނެ އެވެ. މިފަދަ ބޮޑެތި އިސްލާހުތަކެއް މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައި މިވަނީ ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެތި ނެޓްވޯކްތައް ހަރަކާތްތެރިވާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. މީގެކުރިން ރާއްޖޭގައި ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އަތުލައިގަނެފައި އެބަހުއްޓެވެ. މަސްތުވާތަކެތީގެ މުއާމަލާތްތަކުގައި ރާއްޖެއިން ބޭރުގައި ދިވެހިން ހިފަހައްޓާފައި ތިބިކަމުގެ ވާހަކަތައް މީގެކުރިންވެސް ފެންމަތިވެފައި އެބަހުއްޓެވެ. މަސްތުވާތަކެތީގެ މުއާމަލާތްތަކުގައި ކުޑަކުދިން ބޭނުންކޮށް، މަސްތުވާތަކެތި ވިއްކާ އެތަކެތި ބޭނުންކުރުމަށް ހާއްސަ ތަންތަން ހެދިފައި ހުރިކަން، ކަމާބެހޭ ފަރާތްތަކުން މީގެކުރިން ހާމަކޮށްފައި އެބަހުއްޓެވެ.
މަސްތުވާތަކެތީގެ މައްސަލަތަކަށް މަރުގެ އަދަބު
މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ގެނައުމަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ގެނައި އިސްލާހުގައި އޮތް އެންމެ ބޮޑު އެއްކަމަކީ، މަރުގެ ހުކުމް އިއްވުމެވެ. އަދި އުމުރު ދުވަހަށް އިއްވާ ޖަލު ހުކުމަކީ އެމީހަކު މަރުވަންދެން ޖަލުގައި އޮންނަންޖެހޭގޮތަށް އިއްވޭ ހުކުމެއް ކަމަށް ބަދަލުކޮށް އެފަދަ މީހުންނަށް މައާފު ނުދެވޭނެގޮތަށް ޤާނޫނު މިވަނީ އިސްލާހު ކޮށްފަ އެވެ.
މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ގެނެސްފައިވާ އިސްލާހުގައި، މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރާ މީހަކަށް މަރުގެ ހުކުމް އިއްވޭނެ ހާލަތްތައް ވަނީ ބަޔާންކޮށްފަ އެވެ.
މަރުގެ އަދަބު ކަނޑައެޅުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް:
- 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސް އެތެރެކުރުން
- 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން އެތެރެކުރުން
- ކެނެބިސް އަދި ޑައިމޯފިން ފިޔަވާ އެހެން މަސްތުވާއެއްޗެއްނަމަ 100 ގްރާމަށްވުރެ އިތުރު އަދަދެއް އެތެރެކުރުން
- ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެއްޗަކީ، އެމީހަކު ރާއްޖެއަށް އެތެރެވާއިރު، އެތެރެކުރި އެއްޗަކަށްވުން
ދަށު ކޯޓުން މަރުގެ ހުކުމް ކަނޑައަޅައިފިނަމަ އަމަލުކުރާނެގޮތް:
- ދަށު ކޯޓުގެ ހުކުމްގެ ހުރިހާ ޤާނުނީ ނުކުތާތަކާއި މައްސަލާގައި ކަން ހިނގާފައިވާގޮތް މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބެލުން
- މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތުގެމަތިން ހުކުމް ކުރުމުން
- ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން، މަރުގެ އަދަބު ކަނޑައެޅުމަށް އިއްތިފާގުނުވާ ހާލަތުގައި، އުމުރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއިން ފެށިގެން ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި އެހެން ގައުމުތަކުގައިވެސް މަރުގެ ހުކުމް އިއްވާ!
ދުނިޔޭގެ ތަހުޒީބު އެހެން މުޖުތަމައުތަކުގައިވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ ހުކުމް އިއްވާ، ތަންފީޒު ކުރެ އެވެ. އެގޮތުން ސިންގަޕޫރުގެ، ޗައިނާ، އިރާން، ސައުދި އަރަބިއްޔާ އަދި ވިއެޓްނާމްގައިވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ ހުކުމް އިއްވަ އެވެ.
2024 ވަނަ އަހަރު އިރާންގައި މަރުގެ ހުކުމް ތަންފީޒު ކުރި %52 މީހުން އަދި ސިންގަޕޫރުގައި މަރުގެ ހުކުމް ތަންފީޒު ކުރި %89 މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މެރި މީހުންނެވެ.
ނިމުނު ނޮވެމްބަރު މަހު ސިންގަޕޫރުގައި މަސްތުވާތަކެތި ޓްރެފިކް ކުރި މައްސަލައިގައި 3 މީހަކަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައިވެ އެވެ. މިއަހަރު ސިންގަޕޫރުގައި މިހާތަނަށް 17 މީހަކަށް، މަސްތުވާތަކެތީގެ މައްސަލަތަކުގައި އަދި މީހުން މެރުމުގެ މައްސަލަތަކުގައި މަރުގެ ހުކުމް ތަންފީޒު ކޮށްފައިވެ އެވެ.
ސިންގަޕޫރުގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ އިތުރުން، މަސްތުވާތަކެތި ޓްރާންސްޕޯޓް ކުރުން އަދި މީހަކަށް ނުވަތަ ބަޔަކަށް ދިނުން/ވިއްކުމަކީ ވެސް މަރުގެ ހުކުމް އިއްވޭ ކަމެކެވެ. އެގޮތުން ސިންގަޕޫރުގައި މަރުގެ ހުކުމް އިއްވަނީ ޓްރެފިކް ކުރާ ޑައިމޯފިންގެ ބަރުދަނުގައި 15 ގްރާމަށްވުރެ އިތުރުވާނަމަ، ކޮކެއިންގައި 30 ގްރާމަށްވުރެ އިތުރުވާނަމަ، މެތަފެޓަމައިންގައި 250 ގްރާމަށްވުރެ އިތުރުވާނަމަ އަދި ކެނެބިސްގައި 500 ގްރާމަށްވުރެ އިތުރުވާނަމަ އެވެ.
މަރުގެ ހުކުމް ތަންފީޒު ކުރުމަށް ޝަރުއީ ނިޒާމަށް އިތުބާރު ވަރުގަދަ ކުރަންޖެހޭ!
މީހެއްގެ މައްޗަށް ކުށެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އަދަބެއްގެ ގޮތުގައި މަރުގެ ހުކުމް އިއްވާނަމަ އެ ހުކުމެއް ނެރޭ ޝަރުއީ ކޯޓުތަކާއި ނިޒާމާއި މެދު ރައްޔިތުންގެ މެދުގައި ފުރިހަމަ އިތުބާރު އޮތުމަކީ ކޮންމެހެންވެސް ލާޒިމު ކަމެކެވެ. ކޮންމެ މީހަކާއި މެދުވެސް އިންސާފުން އަދި ތައައްޒުބުން އެއްކިބާވެ ތިބެ ހުކުމް ކުރާނެކަމުގެ ޔަގީންކަން ކޯޓުތަކާއި މެދު ރައްޔިތުންގެ ހިތުގައި އޮންނަން ޖެހޭނެ އެވެ.
ޝަރީއަތުގެ ކުރިމައްޗަށް އެމީހަކު ހާޒިރުކުރެވޭއިރު، ތިމާއާމެދު ނުހައްޤުން ހުކުމެއް ނުކުރާނެ ކަމުގެ ފުރިހަމަ އިތުބާރު ޝަރުއީ ނިޒާމާ މެދު އޮންނަންވާނެ އެވެ. ސިޔާސީ ނުފޫޒު ނުހިނގާނެ ކަމާއި، ފުލުހުންގެ އަދި ޕްރޮސިކިއުޓަރުންގެ ނުރަނގަޅު ބާރުގެ ބޭނުން ނަހަމަގޮތުގައި ނުކުރާނެކަން ކަށަވަރު ކުރެވިފައި އޮންނަންވާނެ އެވެ. ވެރިކަމުގެ ފަރާތުން އެމަގަށް ޖުޑިޝަރީގެ ކަންކަން ބައްޓަން ކޮށްދޭންވާނެ އެވެ.
މަސްތުވާތަކެތީގެ މައްސަލައިގައި މަރުގެ ހުކުމް ތަންފީޒު ކުރަމުންދާ ސިންގަޕޫރުގައި، މަރުގެ ހުކުމް މީހަކަށް ތަންފީޒު ކުރުމުގެ ކުރިން އެމީހަކަށް އިންސާފުވެރި އަދުލުވެރި ޝަރީއަތެއް ކުރެވިފައިވާކަން ޔަގީންކުރުމަށް ގިނަ އިޖުރާއަތުތަކެއް ކަނޑައަޅާފައިވެ އެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި މަރުގެ ހުކުމަށް ވާސިލުވުމުގެ ކުރިން، ޕްރޮސިކިއުޓަރުން ޝައްކެއް ނެތްމިންވަރަށް އެމީހެއްގެ މައްޗަށް ކުށް ސާބިތު ކޮށްދޭން ޖެހެ އެވެ. ދަށު ކޯޓުގައި މަރުގެ ހުކުމެއް އިއްވޭ މީހަކަށް އެ މީހެއްގެ މައްޗަށް ކުށް ސާބިތުވި ކަމަށް ނިންމާ ނިންމުން އިސްތިއުނާފު ކުރުމުގެ ފުރުސަތާއި އެމީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ވަކިން އިސްތިއުނާފު ކުރުމުގެ ފުރުސަތު ސިންގަޕޫރުގައި ފަހިކޮށްދީފައިވެ އެވެ.
މީގެއިތުރުން މަރުގެ ހުކުމެއް ދަށު ކޯޓުގައި އިއްވާ މީހަކު އެ މައްސަލަ މަތީ މަރުހަލާގެ ކޯޓުގައި އިސްތިއުނާފު ނުކުރިނަމަވެސް، ސިންގަޕޫރުގެ އިސްތިއުނާފު އެންމެ މަތީ ކޯޓުން އެ މައްސަލައެއް ބަލަންޖެހޭނެ ކަމަށް ގާނޫނުތަކުގައި ކަނޑައަޅާފައިވެ އެވެ. އަދި މީގެ އިތުރުންވެސް އަފޫއާންމުގެ ދަށުން މަރުގެ ހުކުމުން ސަލާމަތްވުމަށް އެދި ހުށަހެޅުމުގެ ފުރުސަތުވެސް ފަހިކޮށްދީފައިވެ އެވެ.
ރާއްޖޭގައި މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ގެނެސްފައިވާ އިސްލާހުގައިވެސް އިޖުރާއަތުތައް ބަޔާންކޮށްފައި ވަނީ ހަމަ މިފަދަ ގޮތަކަށެވެ. ދަށު ކޯޓުން އިއްވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ދީފައިވާއިރު، އެމީހަކު އަމިއްލައަށް އިސްތިއުނާފު ނުކޮށްފިނަމަ ދައުލަތުން އެ މައްސަލައެއް މަތީ މަރުހަލާގެ ކޯޓުތަކަށް ގެންދާނެ އެވެ. އަދި ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ބެންޗުގެ އިއްތިފާގުން ނޫންގޮތަކަށް މަރުގެ އަދަބު ނުދެވޭނެ ގޮތަށް އޮތުމަކީ، އިންސާފުވެރި ހުކުމެއް ލިބުމުގެ ފުރުސަތު ބޮޑު ކަމެއް ކަމަށް ބުނެވިދާނެ އެވެ.
މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވުމަކީ ކުޑަ ކަމެއް ނޫނެވެ. މި ރާއްޖޭގައި މިހާރުވެސް މަރުގެ މައްސަލަތަކުގައި މީހުންގެ މައްޗަށް މެރުމަށް ހުކުމް ކޮށްފައި އެބަތިއްބެވެ. ނުކުރަނީ ތަންފީޒެވެ. މިހާރު މިސްރާބު ޖަހާފައި މިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ ހުކުމް އިއްވާ، ތަންފީޒު ކުރުމަށެވެ. ވުމާއެކު، މިފަދަ މައްސަލަތަކުގައި، އަދި ޝަރީއަތަށް ހުށަހެޅޭ ހަމަ ކޮންމެ މައްސަލައެއްގައި އަދުލު އިންސާފު ގާއިމުކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮންނަންޖެހޭނެ އެވެ. ވެރިކަމުގެ ފަރާތުން އެކަން ޔަގީންކޮށްދެއްވާން ވާނެ އެވެ. އެކަން ޔަގީން ކުރެވޭނީ، މިފަދަ މައްސަލަތައް ނޫނަސް އެހެންވެސް މައްސަލަތަކުގައި ވެސް، އެކިގޮތްގޮތުން ޝަރީއަތަށް އަތްބާނާ ބޭނުމަށް ނިމުމެއް ގެނެސްގެންނެވެ. އަދުލުގެ ނިޒާމު ގަޑުބަޑުކުރާ ފަރާތްތަކާމެދު ވެސް ހަރުކަށި އަދަބު ދެވިގެންނެވެ.
ހައި ކޯޓު ކްރިމިނަލް ކޯޓު މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތް ސުޕްރީމް ކޯޓު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)


