ފީފާއިން ދޭ ފައިސާއަކީ ދިވެހި ރައްޔިތުންނަށް ލިބޭ ފައިސާއެއް، ޚިޔާނަތްތެރިވެވެނީ ރައްޔިތުންގެ ޙައްޤަކަށް: ޝަމީމް

Advertisement

Advertisement

އެންމެ ފަސް

Advertisement

ފުޓުބޯޅައާ ބެހޭ މައި އިދާރާ ފީފާއިން ރާއްޖޭގެ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދޭ ފައިސާއަކީ ދިވެހި ރައްޔިތުންނަށް ލިބޭ ފައިސާއެއް ކަމަށާއި އެ ފައިސާއަށް ޚިޔާނާތްތެރިވުމުން އަރައިގަނެވެނީ ރައްޔިތުންގެ ހައްޤަށް ކަމަށް ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައިގައި ބައްސާމްގެ މައްޗަށް ވަނީ 9 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި އެ މައްސަލައާ ގުޅޭ އިތުރު ދައުވާތަކެއްވެސް އަންނަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންނެވެ. މި މައްސަލައިގައި ބައްސާމްވަނީ ފީފާގެ ހުއްދަ ނެތި ރާއްޖެއަށް މި މައްސަލަ ނުބެލޭނެ ކަމަށްބުނެ ކްރިމިނަލް ކޯޓުގައި ދިފާއެއް ނަގާފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އެ ދިފާއު ބަލައިނުގަތުމަށް ނިންމުމުން ބައްސާމްގެ ފަރާތުން އެ މައްސަލަ ވަނި ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

މިމައްސަލައިގައި ބައްސާމް ނެގި ދިފާއާ ގުޅިގެން ކުރީގެ ޕީޖީ ޝަމީމް ވަނީ އޭނާގެ އަމިއްލަ ބްލޮގުގައި އެކަމަށް ރައްދު ދެއްވާ ލިޔުމެއް ލިޔުއްވާފަ އެވެ. އެގޮތުން ޝަމީމް ވިދާޅުވީ ފީފާގެ ފައިސާއެއްގެ މައްސަލައެއް ރާއްޖޭގައި ބެލޭނެކަން، ޤާނޫނުލްއުޤޫބާތުގެ 13 ވަނަ މާއްދާ، ”ޤާނޫނުގެ ބާރު ހިނގާ ދާއިރާ“ އިން ސާފުވާ ކަމަށެވެ. އެގޮތުން ޚިޔާނާތުގެ އަމަލު ހިނގީ ރާއްޖޭގައި ކަމަށްވާތީ، އެ ކުށަށް ރާއްޖޭގެ ޤާނޫނުގެ އިޚްތިސާސް ލިބޭކަން ޝަމީމް ފާހަގަކުރެއްވި އެވެ.

ފައިސާއަކީ ފީފާގެ ފައިސާކަމަށްވާތީ، ފީފާގެ ހުއްދަނެތި މިމައްސަލަ ނުބެލޭނެ ކަމަށް ބައްސާމްގެ ފަރާތުން ބުނާ ވާހަކައަށް ރައްދު ދެއްވާ ޝަމީމް ވިދާޅުވީ، ފީފާއިން ދޭ ފައިސާއަކީ ރާއްޖޭގެ ފުޓްބޯޅަ ތަރައްގީ ކުރުމަށް ދިވެހި ރައްޔިތުންނަށް ދޭ ފައިސާއެއް ކަމަށެވެ.

”ފީފާގެ އަސާސީ ގަވާއިދުގެ 11 ވަނަ މާއްދާގެ 1 ވަނަ ނަންބަރު ބުނާގޮތުން، ފީފާގެ މެންބަރަކަށް ވެވެނީ ކޮންމެ ޤައުމަކުން އެންމެ ޖަމްޢިއްޔާއަކަށެވެ. އެޖަމްޢިއްޔާއަކީ އެ ޤައުމެއްގެ ފުޓުބޯޅަ ތަމްސީލުކުރާ ރަސްމީ އިދާރާއެވެ. ރާއްޖޭގައި އެ ދައުރު އޮތީ އެފްއޭއެމްއަށެވެ. އެފްއޭއެމަށް އެ ދައުރު ލިބުނީ ސަރުކާރުގެ ހުއްދައާއެކުއެވެ. ސަރުކާރުގެ ޝަރުޠަކީ ދިވެހިރާއްޖޭގައި ފުޓުބޯޅަ ތަރައްޤީކުރުމެވެ. ވީމާ، އެފްއޭއެމްއަށްލިބޭ ފައިސާއަކީ ޙަޤީޤަތުގައި ދިވެހިރާއްޖޭގެ ފުޓުބޯޅަ ތަރައްޤީކުރަން، ދިވެހި ރައްޔިތުންނަށް ލިބޭ ފައިސާއެވެ.“ ޝަމީމް އޭނާގެ ބްލޮގުގައި ލިޔުއްވާފައިވެ އެވެ.

ކުރީގެ ޕީޖީ ހުސައިން ޝަމީމް / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޝަމީމް ވިދާޅުވީ ބޭރުގެ ގައުމަކުން ދޭ އެހީގެ ފައިސާއަކީ، އެ ޤައުމެއްގެ ބަޖެޓުން ސީދާ ދިވެހި ރައްޔިތުންނަށް ކަނޑައަޅާފައި ހުންނަ އަދަދުތައް ކަމަށެވެ. އެހެންކަމުން ފީފާ މެދުވެރިކޮށް ލިބުނަސް، ނުވަތަ އެނޫން ޖަމިއްޔާއެއް މެދުވެރިކޮށް ލިބުނަސް، އެ ފައިސާއަކީ ހަޤީޤަތުގައި ދިވެހި ރައްޔިތުންނަށް ލިބޭ ފައިސާ އެއް ކަމަށާއި، އެފައިސާގެ އަމާނާތްތެރިއަކީ ފީފާއާއި އެފްއޭއެމް ކަމަށް ޝަމީމް ވިދާޅުވި އެވެ.

”ޚިޔާނަތްތެރިވެވެނީ އެފައިސާއަށެވެ. އެއީ ދިވެހި ރައްޔިތުންގެ ޙައްޤަކަށެވެ.“

މީގެއިތުރުން ޝަމީމް ވިދާޅުވީ ފީފާއިން ދޭ ފައިސާ، ރާއްޖޭގެ އެއްވެސް އިދާރާއަކަށް ނުބެލޭގޮތަށް ގެންގުޅެވޭނެކަމަށް ދެކުމަކީ، މަނީ ލޯންޑަރިންގ ހުއްޓުވުމާބެހޭ ޤާނޫނާ އިދިކީލި މަފްހޫމެއް ކަމަށެވެ. އަދި އެއީ ރާއްޖެއިން ބައިވެރިވާ ބައިނަލްއަގްވާމީ އެއްބަސްވުންތަކާވެސް ހިލާފުވާނެ ވާހަކައެއް ކަމަށެވެ.

މިމައްސަލައާ ގުޅިގެން ފީފާއިން ރާއްޖެ ސަސްޕެންޑް ކުރެވިދާނެތޯ ނުވަތަ ނޫންތޯ އެއީ ފީފާއިން ނިންމާނެ ކަމެއް ކަމަށާއި ސަސްޕެންޑް ކުރިނަމަވެސް އެކަމަކީ ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ހުށަހެޅި ހިނގަމުންދާ މައްސަލަ ނުބެލޭންވީ ސަބަބެއްނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ތަބާވާންޖެހޭކަމަށް ޤާނޫނުއަސާސީއާއި ޤާނޫނުގައި އޮތް ކަންކަމުގެ ތެރޭގައި ފީފާއިން ނިންމާފާނެ ގޮތަކަށް ބެލުމަކީ އޮތް ކަމެއްވެސް ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ.

”ފީފާއާ ގުޅުވައިގެން [ބައްސާމް] ދައްކާ ވާހަކައަކީ ޚުރާފާތެކެވެ.“

އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލަ ސަމާލުކަމަށް ގެނައީ ފުލުހުން ކަމަށާއި އެކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އަމުރެއް ނެރުމުގެ ޚިޔާލުވެސް ދެއްވީ ފުލުހުން ކަމަށް ޝަމީމް ވިދާޅުވި އެވެ. މުޅި މައްސަލައިގެ ތަހުގީގު ކާމިޔާބުކަމާއި ހިކުމަތްތެރިކަމާއެކު ގެންދިޔައީ، އައްޔަންކުރެވުނު ޕްރޮސިކިއުޓަރުންގެ ލަފައާއި އިރުޝާދާއެކު ފުލުހުންގެ އިންވެސްޓިގޭޓަރުންގެ ކުޅަދާނަކަމާއި ހުށިޔާރުކަމުން ކަމަށް ޝަމީމް ވިދާޅުވި އެވެ.

ހައި ކޯޓު ބައްސާމް އަދިލް ޖަލީލް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކްރިމިނަލް ކޯޓު އެފްއޭއެމް ފީފާ ދިވެހި ފުލުހުންގެ ޚިދުމަތް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ