2017 ވަނަ އަހަރު މާލޭގައި އަނިޔާވެރި ގޮތަކަށް މަރާލި ރ. މީދޫ މުހައްމަދު އަނަސްގެ މަރުގެ ތުހުމަތު ކުރެވޭ މީހުން ބަންދު ނުކުރަން ހައިކޯޓުން ނިންމި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި، ދައުވާ ރައްދުވާ 7 މީހުންނަށް ވަކީލަކު އައްޔަނު ކުރުމަށް އިތުރުފުރުސަތެއް ސުޕްރީމް ކޯޓުންދީފި އެވެ.
އަނަސް މަރާލި މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވަނީ، މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާޤު، ޅ. ކުރެންދޫ އަސުރުމާގެ އަހުމަދު ޒަޔާން އަދި މ. ދިމިޝްގު، އުޘްމާން ޝަރީފްގެ މައްޗަށެވެ. މި މައްސަލައިގައި، ގަސްދުގައި މީހަކު މަރާލުމުގައި ބައިވެވުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ލ. ގަން، ތުނޑި، ނަންނާރިގެ ޖުނައިދު އަބްދުﷲ، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ޝާޒްގެ މައްޗަށެވެ.
މި މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2025 ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. މި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށްފަހު ވަނީ މި މީހުންގެ އިސްތިއުނާފު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދިފަ އެވެ. ނަމަވެސް ހައިކޯޓުން މާޗު މަހުގެ ތެރޭގައި ނިންމާފައިވަނީ މި މީހުން ބަންދު ނުކުރުމަށެވެ. ހައިކޯޓުން ނިންމި ނިންމުން ޕީޖީިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އޭޕްރިލް މަހު ކުރީކޮޅު އެވެ.
މި މައްސަލައިގެ އަޑުއެހުމެއް މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އިސްތިއުނާފީ ނުކުތާތައް ހުށަހަޅާފަ އެވެ. މި މައްސަލައިގައި ދައުލަތުން އެދިފައިވަނީ މި މީހުން ބަންދު ނުކުރަން ހައިކޯޓުން ނިންމި ނިންމުން ބާތިލުކަމަށް ކަނޑައަޅައިދިނުމަށާއި އަދި އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމަށް ހައިކޯޓުން ގޮތެއް ނިންމުމަށް މައްސަލަ ތަހުވީލުކޮށްދިނުމަށެވެ.
މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ޖަވާބުދާރީވުމަށް މިއަދުގެ އަޑުއެހުމުގައި ފުރުސަތު ދިނުމުން ހުރިހާ ފަރާތްތަކުންވެސް ބުނެފައިވަނީ ކުރިއަށްދާން ބޭނުންވަނީ ވަކީލަކާ އެކު ކަމަށެވެ.
ފަނޑިޔާރު އަލީ ރަޝީދު ހުސައިން ވިދާޅުވީ ވަކީލަކު އައްޔަނު ކުރުމަށް ކޯޓުން އެފަރާތްތަކަށް 6 އޭޕްރިލްއާ ހަމައަށް ފުރުސަތު ދިން ކަމަށެވެ. މި މައްސަލައަކީ 14 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ މައްސަލައެއްކަން ފާހަގަކޮށް ފަނޑިޔާރު އަލީ ރަޝިދު ހުސައިން ވިދާޅުވީ އެހެން މައްސަލަތަކުގައި ފުރުސަތު ދެވޭގޮތަށް މި މައްސަލައިގައި ފުރުސަތު ނުދެވޭނެ ކަމަށެވެ. އަދި ވަކީލަކު އައްޔަނު ކުރުމަށް އާދީއްތަ ދުވަހު 09:00 އާ ހަމައަށް ވަގުތު ދޭކަމަށް ވިދާޅުވި އެވެ.
ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ، މިހާރުން ފެށިގެން އާދިއްތަ ދުވަހުގެ ހެނދުނާ ހަމައަށް އެއީ ވަރަށް ކުރު މުއްދަތެއްކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް ކުރިންވެސް ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތު ދެވުނު ކަމަށެވެ. އަދި މި މައްސަލައިގެ ބާވަތުން އިތުރު ވަގުތު ދެވެން ނެތްކަމަށް ވިދާޅުވި އެވެ. އަދި އާދިއްތަ ދުވަހު މައްސަލައިގައި ޖަވާބުދާރީ ވާންޖެހޭނެ ކަމަށާއި އިތުރު ފުރުސަތު ނިދެވޭނެ ކަމަށް ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރު އަލީ ރަޝީދު ވިދާޅުވީ މި މައްސަލައިގެ އިތުރު އަޑުއެހުމެއް އާދީއްތަ ދުވަހުގެ 09:00 ގައި ބާއްވާނެ ކަމަށެވެ.
އަނަސް މަރާލި މައްސަލަ ސުޕްރީމް ކޯޓު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)