ރާއްޖޭގެ ފަރުތަކަށް އަރާ ބޯޓުފަހަރު ޖޫރިމަނާކުރުމުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ލިބޭނެކަން ކަށަވަރުކުރުމަށް ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ހާމަކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް މަޢުލޫމާތު ދެއްވަމުން، މިނިސްޓްރީއިން ބުނީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަޝްރޫޢުތައް ހިންގާއިރު، ބޭރު ޤައުމުތަކަށް ރަޖިސްޓްރީކޮށްފައިވާ ބާޖުތަކާއި ބޯޓުފަހަރު ދިވެހި ކަނޑުތަކުގައި ހަރަކާތްތެރިވަމުންދާއިރު، ގިނަ ފަހަރަށް މިފަދަ އުޅަނދުފަހަރު ފަރަށް އަރައި، ފަރުތަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީން ކުރާ ޖޫރިމަނާތައް ނުދައްކާ ކަމަށެވެ.
ޖޫރިމަނާ ފައިސާ ހޯދުމަށް އެންމެ އެކަށީގެންވާ ގޮތަކީ ރާއްޖެ އެތެރެވާ ބޯޓުފަހަރަކީ އިންޝުއަރެންސް ނަގާފައިވާ ބޯޓުތަކެއްކަން ކަށަވަރުކުރުން ކަމަށް މިނިސްޓްރީ އިން ބުނެފައިވެ އެވެ.
އިއްޔެގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނަޢީމް ވިދާޅުވީ ބައެއް ބޯޓުފަހަރު ފަރަށް އަރާ ފަހުން ނުނަގާ ހުންނަ ކަމަށެވެ. އަދި ޖޫރިމަނާ ކުރެވެން އޮންނަނީ ބޯޓު ފަރުން ނެގުމުން ކަމަށާއި، ފައިސާ ހޯދަން ޖެހެނީ ވަރަށް ބޮޑަށް މަޝްވަރާކޮށްގެން ކަމަށެވެ.
މިނިސްޓްރީން މީގެކުރިން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭގޮތުގައި ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ މައްސަލަތަކުގައި ޖޫރިމަނާގެ ގޮތުގައި 825 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު 14 ގެ ނިޔަލަށް ދައުލަތަށް ލިބިފައިވަނީ 24 މައްސަލައަކާއި ގުޅުންހުރި ޖޫރިމަނާގެ ފައިސާ އެވެ. އެއީ އެންމެ 50،000 ރުފިޔާ އެވެ. ނުދައްކާ ޖޫރިމަނާގެ ޖުމްލަ އަގަކީ 825،978،942.81 ރުފިޔާ ކަމަށާއި ގިނަ ޖޫރިމަނާތަކުގެ ތެރޭގައި ބޭރުގެ އުޅަނދުތަކުން ރާއްޖޭގެ ތިމާވެށްޓަށް ދިން ގެއްލުމުގެ ޖޫރިމަނާ ހިމެނޭ ކަމަށް އީޕީއޭ އިން ހާމަކުރި އެވެ.
އެ މައްސަލާގައި ތިމާވެށްޓަށް ގެއްލުން ދިނުމުން ކޮށްފައިވާ ޖޫރިމަނާތައް ނުދައްކާ ވިޔަފާރިތައް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ކޮމިޓީން ވަނީ މަސައްކަތްވެސް ފަށައިފަ އެވެ.
ރައްޔިތުންގެ މަޖިލިސް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން