ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ދަރަންޏަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވަން އެމްޓީސީސީގެ ފަރާތުން ރައިސް މައުމޫނާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި ދައުވާ އަނބުރާ ގެންގޮސްފި އެވެ.
ޑީއާރުޕީން އެމްޓީސީސީއަށް ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާ އެ ޕާޓީން ނުދައްކާ އޮތް މައްސަލައިގައި އެމްޓީސީސީން ސިވިލް ކޯޓުގައި ދައުވާކުރީ ޕާޓީގެ އޭރުގެ ރައީސްގެ ހައިސިއްޔަތުން މައުމޫން އެ ދަރަންޏަށް ޒިންމާ ކޮށްދިނުމަށްއެދި އެވެ. މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ އެ ފައިސާ ދެއްކުމަށް ރައީސް މައުމޫންގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތް ކަމަށެވެ. މި ނިންމުން އެމްޓީސީސީން އޮތީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
މި މައްސަލަ ހައިކޯޓުގައި ހިނގަނިކޮށް އަދި މި މައްސަލައާ ގުޅިގެން ހައިކޯޓުން ނިންމި ނިންމުމެއްގެ މައްސަލަ ރައީސް މައުމޫންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނިކޮށް އެމްޓީސީސީން ވަނީ ދަރަންޏަށް ރައީސް މައުމޫން ޒިންމާ ކުރުވުމަށްއެދި ހައިކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.
މި މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށް ހައިކޯޓުން އިއްޔަ ނިންމި ނިންމުމުގައި ބުނެފައިވަނީ، މި މައްސަލައިގެ އިތުރު އަޑުއެހުމެއް ބޭއްވުމަކާ ނުލައި މައްސަލަ އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނެ އެމްޓީސީސީން 11 ފެބްރުއަރީ 2025 ގައި ހައިކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލަ ބައްލަވާ ފަނޑިޔާރުންވަނީ މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށްފަ އެވެ.
ހައިކޯޓުގައި މި މައްސަލަ ބެއްލެވި ބެންޗުގައި ހިމެނެނީ، ފަނޑިޔާރު ފާތިމަތް ފަރްހީޒާ، ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ދީބަނާޒް ފަހުމީ އެވެ.
ހައި ކޯޓު ރައީސް މައުމޫން އަބްދުލްގައްޔޫމް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)
