2022 ވަނަ އަހަރު ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ބަރަހަނާ ފޮޓޯ ފޮނުވި ކަމަށްބުނާ މައްސަލައިގައި އިތުރު އެއްވެސް ހެއްކެއް މިހާތަނަށް ހޯދިފައި ނުވާކަމަށް ފުލުހުން ބުނެފައި އެވެ.
މި މައްސަލައިގައި އެ ކުއްޖާއަށް އިންސާފު ނުލިބޭކަމަށްބުނެ ކުއްޖާ ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން ފުލުހުން މިއަދު ބުނެފައިވަނީ، 14 އަހަރުގެ ކުއްޖަކަށް ބަރަހަނާ ފޮޓޮއާއި ވީޑިއޯ ފޮނުވައި އަދި ޖިންސީ ގުނަވަން ދެއްކި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ރިޕޯޓު ކޮށްފައިވަނީ 2022 ޖެނުއަރީ 22 ވަނަ ދުވަހު ކަމަށެވެ.
މި މައްސަލައިގައި ތަހުގީގުގައި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ފޮރެންސިކް ތަހުލީލުތައް ކޮށްފައިވާ ކަމަށާއި އަދި 6 މީހެއްގެ ބަޔާނާއި ހެކިބަސް އަދި 2 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ.
”މަތީގައި ދެންނެވުނު [ފޮރެންސިކް] ތަހުލީލުންނާއި ބަޔާންތަކުން ކުއްޖާ ބުނާ ބުނުން ފިޔަވައި، މައްސަލައާ ގުޅުންހުރި އަދި ކުރާ ތުހުމަތަށް ބާރުލިބޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ލިބިފައި ނުވޭ.“ ފުލުހުން ބުނެފައިވެ އެވެ.
މީގެއިތުރުން ތުހުމަތުކުރެވޭ މީިހާ ކުއްޖާގެ ފޯނަށް ފޮނުވި ކަމަށް ބުނާ މެސެޖްތަކާއި މައްސަލައާ ގުޅުންހުރި އެއްވެސް އެއްޗެއް ކުއްޖާގެ ފޯނުގެ ފޮރެންސިކް ތަހުލީލުތަކުންވެސް ފެނިފައިނުވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ.
މި މައްސަލަ ތަހުގީގުކޮށް 2022 އޭޕްރިލް 22 ވަނަ ދުވަހު ޕީޖީ އޮފީހަށް މަޝްވަރާ ކުރުމަށް ފޮނުވުމުން ބައެއް އިސްލާހުތައް ގެނައުމަށް ޕީޖީން އެދިފައިވެ އެވެ. އަދި މި އިސްލާހުތައް ގެނައުމުގައި މައްސަލަ ހުށަހަޅާ ފަރާތުން އެއްބާރުލުން ލިބިފައިނުވާތީ މައްސަލަ މިހާތަނަށް އޮތީ ނުނިމި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ކުރެވެން ހުރި މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.